ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފާދިއްޕޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޅ.ނައިފަރު ވަޑައިގަންނަވާއިފިއެވެ.

އެމަނިކުފާނު ނައިފަރަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނައިފަރުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާފައިވާ ހައުސިންގ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓުތައް ނައިފަރު ކައުންސިލާ ޙަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ނައިފަރުގައި އަލަށް ޢިމާރާތްކޮށްފައިވާ ކައުންސިލް އިދާރާއާއި ނައިފަރުގެ މަދަރުސަތުލް އިފްތިތާޙްގައި އަލަށް ޢިމާރާތްކުރި 10 ކްލާސްރޫމްވެސް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އިއްޔެވަނީ އެއަތޮޅު މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. މީގެއިތުރުން އެމަނިކުފަނުގެ އުފަން ރަށްކަމުގައިވާ ހިންވަރަށާއި އެއަތޮޅު ފެލިވަރަށް ވަޑައިގެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތްވަނީ ބައްލަވާލައްވާފައެވެ. މިދަތުރުފުޅުގެ ތެރެއިން މާދާމާ ޅ.އޮޅުވެލިފުއްޓަށާއި ކުރެންދޫއަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން ޅ.އަތޮޅަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.