ޚަބަރު

ރާއްޖޭގެ ނަން ކިލަނބުވާފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފި


ބައިނަލްއަޤްވާމީ މައިދާނުގައި، ރާއްޖޭގެ ނަން ކިލަނބުކޮށްލުމަށް ސިޔާސީ ބައެއް ފަރާތްތަކުންނާއި، ބައެއް ޖަމާޢަތްތަކުން ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ދިވެހި ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.ޕީ.އެސް.އެމް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ސިޔާސީ އޮއިވަރުގައި ޖެހި ބައެއް ފަރާތްތަކުން ރާއްޖޭގެ ޙާލަތާއި ރާއްޖެއާއި ގުޅުން ހުރި މަޢުލޫމަތުތައް ހަޤީގަތާއި ޚިލާފަށް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއާ މެދު ބޭރުގެ ފަރާތްތަކުން ދެކޭ ވިސްނުން ބަދަލުވެ، ބައިނަލް އަޤްވާމީ އެހީ ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ." ރާއްޖޭގެ ކަންތައްތައް ބޭރުމީހުން ޤަބޫލްކުރާގޮތް ބަދަލުކުރަން މަސައްކަތް އެބަކުރޭ.މީގެ ސަބަބުން އަޅުގަނޑުމެންގެ ފަތުރުވެރިކަމާ، މުސްތަޤްބަލަށް އިންވެސްޓްމެންޓް ހޯދުމަށް، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ބޭރުގެ އެހީ ހޯދުމަށް ބޭރުގެ އެހީ ހޯދުމުގައިވެސް،(އެއީ ލޯން އެހީވިޔަސް ،ހިލޭ އެހީވިޔަސް) ވަރަށް ބޮޑެތި ދަތިތަކެއް އެބަދިމާވޭ. އެހެންވީމާ އަޅުގަނޑު ފޮރިން މިނިސްޓަރުގެ ޙައިޞިއްޔަތުން، ހުރިހައި ފަރާތްތަކައް ގޮވާލަން މިފަދަ އަމަލުތައް ހުއްޓާލަން. އެއީ ދިވެހި ހުރިހައި ރައްޔިތުންނާއި،ދިވެހި ރާއްޖެއަށް ލިބިދާނެ ގެއްލުމަކަށްޓަކައި.އަޅުގަނޑު ޤަބޫލްކުރާގޮތުގައި، ކޮންމެ ސިޔާސީ ފިކުރެއްގައި ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ ދިވެހި ރާއްޖެއާއި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް ހޯދުމަށް، އެހެންވީމާ މިކަމުގައި ޤައިމުވެސް ސަރުކާރުން މިތިބީ ސާބިތުކަންމަތީ. ހުރިހައި ގޮންޖެހުންތަކާ އެކުވެސް ސަރުކާރުން މިތިބީ ކުރިޔަށްދާން. " ފޮރިން މިނިސްޓަރ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ ބައިނަލް އަޤްވާމީ ބައެއް ޖަމާއަތްތަކާއި، ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކާއި މީޑިއާތަކުންވެސް ރާއްޖެއާއި ބެހޭ ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށާއި، މިއީ އެއްވެސް ޙާލެއްގައި ޤަބޫލް ކުރެވޭނޭ އަމަލެއް ނޫންކަމަށެވެ. " އަޅުގަނޑުމެންސް ހިތާމަކުރަން ރާއްޖެއާއި ގުޅޭގޮތުން ހަޤީގަތާއި ޚިލާފް ވާހަކަތަކެއް، މީގެތެރޭގައި ރިޕޯޓްލިޔުމާއި، ތަފާސް ހިސާބުތައް އެކަށީގެންނުވާ ގޮތައް ބޭނުންކޮށް، ރާއްޖޭގެ ނަން ކިލަނބުކޮށް، އިތުރަށް ބަދުނާމުކޮށް ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖެއަށް ގެއްލުން ލިބޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ޤަބޫލް ކުރާ ކަމެއް ނޫން. ކޮންމެ ޤައުމެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ. ކަންތަކެއް ހުރިނަމަވެސް، ނެތްވަރަށް، މިކަންތައްތައް އޮތްކަމަށް އިޝްތިހާރުކޮށް، މިސާލަކަށް ރާއްޖޭގައި ޓެރަރިޒަމް، ނުވަތަ ހައްދުފަހަނައެޅުމާއި ގުޅުން ހުރި ކަންތައްތައް ދޮގު ހަދައިގެން ބޭރުގައި މިވާހަކަ ދެއްކީމައި، ރާއްޖެއިން އޭގެން ވަރަށް ބޮޑެތި ދެރަތަކެއް ލިބޭ. " ފޮރިން މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.