ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗްތައް ވިޔަންސާ، ވެސްޓް ސްޕޯޓްސް ކްލަބް، މިލާން އަދި މާލެ ވެޓްރަންސް ކާމިޔާބުކޮށްފިއެވެ. ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބާއި ވާދަކޮށް ވިޔަންސާ މޮޅުވީ 7 ވިކެޓުންނެވެ. ފުރަތަމަ މެޗް މާލޭ ސްޕޯޓްސްއިން ކުޅެންއަރައި 10 އޯވަރު ހަމަވިއިރު، 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. ވިޔަންސާ އިންވަނީ ކުޅެން އަރައި 9.3 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 99 ލަނޑު ހަދައި، މެޗުން މޮޅުވެފައެވެ. ވިޔަންސާގެ ކަމުރުލް އިސްލާމް 38 ލަނޑު ހެދިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިޔަންސާގެ ކަމުރުލްއެވެ.
ދެ ވަނަ މެޗުގައި އައިޒީ އަތުން ވެސްޓް ސްޕޯޓްސް ކްލަބް މޮޅުވީ ހަތަރު ވިކެޓުންނެވެ. މި މެޗްގައި އައިޒީ ކުޅެންއަރާ 10 އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 105 ލަނޑު ހެދިއެވެ. އައިޒީގެ ސުދޭސް 50 ލަނޑު ހެދިއިރު، އަފްލާހް ވަނީ 47 ލަނޑު ހަދައިފައެވެ. ވެސްޓް ސްޕޯޓްސް އިން ކުޅެން ނިކުމެ، 9.3 އޯވަރު ތެރޭގައި ހެދުނީ 106 ލަނޑެވެ.
ތިން ވަނަ މެޗުގައި ކޮމެޓްސްއާ ވާދަކޮށް މިލާން މޮޅުވީ 55 ލަނޑުންނެވެ. ތިން ވަނަ މެޗުގައި މިލާން 10 އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 121 ލަނޑު ހެދިއެވެ. ޔޫސުފް އަޒިޔާން 34 ހެދިއިރު، ނަޝާތު ވަނީ 31 ލަނޑު ހަދައިފައެވެ. ކޮމެޓްސް އިން 10 އޯވަރުތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި ސައުފެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ފަހު މެޗް ނިއުސްޓާގެ މައްޗަށް މާލޭ ވެޓްރަންސް ކުރިހޯދީ 36 ލަނޑުންނެވެ. މާލޭ ވެޓްރަންސްއިން ފުރަތަމަ ކުޅެން އަރައި 10 އޯވަރުގެތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 98 ލަނޑު ހެދިއެވެ. މާލެ ވެޓްރަންސް ޓީމުގެ ޕިޔާލް 25 ލަނޑު ހެދިއިރު، ނިއު ސްޓާގެ އިސުރު އާއި މަނޯ ވަނީ ދެ ވިކެޓް ނަގައިފައެވެ. ނިއުސްޓާއިން ކުޅެން އަރައި 10 އޯވަރު ތެރޭގައި 62 ލަނޑު ހެދީ 9 ކުޅުންތެރިން ނުބައިވެގެންނެވެ.
މިމުބާރާތުގައި ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައިވާއިރު، މިއީ ރާއްޖޭގައި ޓީ10 މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.