އެކުވެރިކަމުގެ މެޗްގައި ސީޝެލްސްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދާ، ބައިނަލްއަގްވާމީ މެޗަކުން ފުރަތަމަ މޮޅު ސީޝެލްސްއިން ހޯދައިފިއެވެ. މިހާރު ރާއްޖޭގައި ކުރިއަށްދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗްގައި ރާއްޖެއިން ވަނީ 1 ލަނޑު 0 ލަނޑުން ސީޝެލްސްގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް ރޭގައި ކުޅުނު މެޗް ސީޝެލްސް ކާމިޔާބު ކުރީ 4 ލަނޑު 0 ލަނޑުންނެވެ.
ސީޝެލްސްއިން ބައިނަލްއަގްވާމީ ފުރަތަމަ މޮޅު ހޯދާފައިވާއިރު، އެޓީމަކީ ފީފާ ރޭންކިންގައި ހިމެނޭ ޓީމެއް ނޫނެވެ. ރޭ ސީޝެލްސްއާއި ދެކޮޅަށް ނިކުތް ރާއްޖޭގެ ޓީމަށްވަނީ ބޮޑު ބަދަލްތަކެއް ގެނެސްފައެވެ. ގައުމީ އަންހެން ޓީމުގެ ކޯޗް ޑޭވޯ ބާބާ ވަނީ ސީނިއަރ ގިނަ ކުޅުންތެރިނަށް ރެސްޓް ކުރުމުގެ ފުރުސަތު ދީފައެވެ. މިމެޗްގައި މޮޅަށް ކުޅުނީ ސީޝެލްސްއިންނެވެ.
މެޗްގައި ސީޝެލްސްގެ ފުރަތަމަ ހަމަލާގައި ނަތާޝާ ބީބީ ފޮނުވާލީ ބޯޅަ ދިޔައީ ގޯލްގެ ދަނޑިކަރިން ބޭރަށެވެ. މެޗްގެ ފުރަތަމަ ގޯލް މެޗްގެ 11ވަނަ މިނެޓްގައި ސިޝެލްސްއަށް ކާމިޔާބުކޮށްދިނީ ރީނާ އެސްތާއެވެ. ހިލޭ ޖެހުމަކުން ރީނާ ފޮނުވާލީ ބޯޅަ ގޯލަށް ވަދެފައިވަނީ ރާއްޖޭގެ ކީޕަރު އާމިނަތު ލީޒާ އަތުގައި ޖެހިފައެވެ. މި ގޯލަށް ފަހުވެސް ސީޝެލްއިން ނުރައްކާތެރި ދެތިން ހަމަލާއެއް ރާއްޖޭގެ ގޯލަށް ފޮނުވާލިއެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި ރާއްޖޭއަށް އުފެއްދުނު އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލާފައިވަނީ އިނާޝާ އާދަމްއެވެ. އިނާޝާ އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ދިމާނުވެ، ބޭރަށެވެ.
މެޗްގެ ފުރަތަމަ ހާފްގައި ސީޝެލްސްގެ ރީނާއަށް ލީޑް ފުޅާ ކުރުމަށްވެސް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމްގެ ނަތާޝާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މިހަމަލާއަށް ފަހުވެސް ސީޝޭލްސްއިން ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލިއެވެ. ރާއްޖޭގެ ޒުވާން ކުޅުތެރުންވަނީ ސީޝެލްސްއިން އުފައްދަމުންދިޔަ ގިނަ ހަމަލާތައް ދިފާޢުކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްވެސް ނިކުމެފައިވަނީ ބަދަލްތަކަކާއެކުއެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ގިނަ ފުރުސަތު ހޯދާފައިވަނީ ސީޝެލްސްއިންނެވެ. މެޗްގެ ދެވަނަ ހާފްގައި ސީޝެލްސްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ ނަތާޝާ ބީބީއެވެ. ނަތާޝާ ފުރަތަމަ ގޯލް ޖެހީ މެޗްގެ 71ވަނަ މިނެޓްގައެވެ. އަދި ދެވަނަ ގޯލް ޖެހީ މެޗްގެ 88ވަނަ މިނެޓްގައެވެ. މެޗްގައި ސީޝެލްސްއިން ޖެހި ތިންވަނަ ލަނޑު އެޓީމަށް މެޗްގެ 74ވަނަ މިނެޓްގައި ކާމިޔާބުކޮށދިނީ ކެޕްޓަން ޕަސްކަލީނާއެވެ. ބައިނަލަގްވާމީ ފުރަތަމަ މެޗުން އެޓީމް މޮޅުވުމުން، ސީޝެލްސްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.