ޚަބަރު

ޒުވާން ނާޒިމާ އާއި ރުދެއިނާ ބީޗް މުބާރާތުގެ ސެމީއަށް


އޭވީސީގެ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގައި ސެމީ ފައިނަލުން ރާއްޖޭގެ އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއަރ ފުރުސަތު ހޯދައިފިއެވެ. ސްރީލަންކާގައި ފެށިގެން ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއަރ މެޗް ކާމިޔާބުކޮށްފައިވަނީ އުޒްބަކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއަރއާއި ވާދަކޮށް 2 ސެޓް 1 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ދިޔައީ 21-15، 11-21 އަދި 15-09ކުންނެވެ.

މިމެޗަށް ނިކުތުމުގެ ކުރިން އުޒްބަކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއަރވަނީ ލަންކާގެ ޗަތުރިކާ އާއި ހަޝިނީގެ ޕެއަރ އަތުން ސީދާ 2 ސެޓުން ބަލިވެފައެވެ. މިއާއެކު ރުދައިނާ އާއި ނާޒިމާގެ ޕެއަރގެ އިތުރުން ޗަތުރިކާ އާއި ހަޝިނީގެ ޕެއަރއިންވަނީ ސެމީގެ ފުރުސަތު ޔަގީންކޮށްފައެވެ. ރާއްޖޭގެ ރުދެއިނާ އާއި ހައްވާ ނާޒިމާވަނީ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއަރއާއި ވާދަކޮށް މެޗްގައި މޮޅު ކުޅެއް ދައްކާފައެވެ. އަދި އިދިކޮޅުން ކުޅުނު ޓީމަށް މެޗްގެ ތެރެއަށް ވަނުމުގެ ފުރުސަތު ރާއްޖޭގެ ޕެއަރއިން ދީފައެއް ނުވެއެވެ.

ފުރަތަމަ ސެޓް ރުދެއިނާ އާއި ހައްވަ ގެންދިޔަ ނަމަވެސް، މެޗްގެ ދެވަނަ ސެޓްގައި ރާއްޖޭގެ ޓީމަށް ފުރަތަމަ ސެޓްގައި ދެއްކި ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. އަދި ޕްރެޝަރުގައި ކުޅެން ޖެހުމުން ޒުވާން ދެ ކުޅުންތެރިންކަމަށްވާ ރުދެއިނާ އާއި ހައްވާ ނާޒިމާއަށް ކުޅެން އުނދަގޫވިއެވެ. މެޗްގެ ދެވަނަ ސެޓް އުޒްބަކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއަރއިން ގެންދިޔައީ 21-11އިންނެވެ. ދެވަނަ ސެޓްގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ރާއްޖޭގެ ޕެއަރއިންވަނީ ތިންވަނަ ސެޓްގައި މޮޅު ކުޅެއް ދައްކާފައެވެ. މިއާއެކު ރާއްޖޭގެ ރުދެއިނާ އާއި ހައްވާ ނާޒިމާގެ ޕެއަރ މިމެޗް ކާމިޔާބުކޮށްފައިވަނީ 15-09އިންނެވެ.

މިއީ ރާއްޖޭގެ ހައްވާ ނާޒިމާ އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ރުދެއިނާވަނީ ކުޅެފައެވެ.