ޚަބަރު

ސާޖިދު އާއި އާދަމް ސެމީގެ ފުުރަސަތެއް ހޯދުމަށް އީރާންގެ 1ވަނަ ޕެއަރއާއި ދެކޮޅަށް


ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި އިސްމާޢީލް ސާޖިދު އާއި އާދަމް ނަސީމްގެ ޕެއަރ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެއެވެ. ސާޖިދު އާއި އާދަމްއަށް ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވީ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވުމުންނެވެ.

ރާއްޖޭގެ އިސްމާޢިލް ސާޖިދާއި އާދަމް ނަސީމްގެ ޕެއަރއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ލަންކާގެ ނަލިން އާއި މަލިންތަގެ ޕެއަރގެ މައްޗަށް ކުރި ހޯދާފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ 21-18 އަދި 21-19އިންނެވެ. ނަމަވެސް އޭގެ ފަހުން ސާޖިދު އާއި އާދަމްގެ ޕެއަރއިން ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. ދެވަނަ މެޗްގައި ސާޖިދު އާއި އާދަމް ބައްދަލުކޮށްފައިވަނީ ޕާކިސްތާންގެ އެއް ވަނަ ޕެއަރ މުބައްޝިރާއި އަބޫ ޒާރްގެ ޕެއަރއާއެވެ. މިމެޗް ދިޔައީ 2 ސެޓް 1 ސެޓުންނެވެ. މެޗްގެ ސެޓްތައް ދިޔައީ 22-20، 21-16 އަދި 15-12އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން މޮޅުވުމަށް ރާއްޖޭގެ ސާޖިދު އާއި އާދަމްގެ ޕެއަރއަށް ފުރުސަތުވެސް ލިބިގެންދިޔައެވެ. ނަމަވެސް ކޮންމެ ސެޓެއްގައިވެސް ފަހު ކޮޅުގައި އަމިއްލަ މިސްޓޭކްތަކުންވަނީ ޕޮއިންޓް ގެއްލިފައެވެ.

މިމުބާރާތުގައި ސާޖިދު އާއި އާދަމްގެ ޕެއަރއިން ކުޅުނު ތިންވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ލަންކާގެ ދެ ވަނަ ޕެއަރ އަންޖަނާ އާއި ސަންދުންގެ ޕެއަރއެވެ. މިމެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ސާޖިދު އާއި އާދަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މޮޅު ކުޅުމާއެކު ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 21-19އިންނެވެ. ދެވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓްގެ އެންމެ މުހިންމު ވަގުތުގައި ރާއްޖޭގެ ޓީމަށް ހެދުނު މިސްޓޭކްތަކުގެ ފައިދާނަގައި ލަންކާގެ ޕެއަރއިން ދެވަނަ ސެޓް ކާމިޔާބުކުރިއެވެ. މިސެޓް ލަންކާގެ ޕެއަރ ގެންގޮސްފައިވަނީ 21-19އިންނެވެ. ކޮންމެ ޓީމަކަށްވެސް ސެޓެއް ލިބުމުން ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. މިސެޓްގައިވެސް ރާއްޖޭގެ ޓީމަށް ހެދުނު ގޯހުގެ ފައިދާނަގާ ލަންކާގެ ޕެއަރއިން 15-12އިން ސެޓް ގެންގޮސް މެޗް ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިސްމާޢީލް ސާޖިދު އާއި އާދަމް ނަސީމްގެ ޕެއަރއަށް ބާކީ އޮތީ އެއް މެޗެވެ. އެއީ އީރާންގެ އެއްވަނަ ޕެއަރ ޝޭކަރް އާއި އަރޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުގެ ސެމީން ޖާގައެއް ހޯދަން ބޭނުންވާނަމަ، މިމެޗުން މޮޅުވާން ޖެހެއެވެ.