ޚަބަރު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އަސްލަމް


ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިޙާބުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބުގައި އަސްލަމަށް ވަނީ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓް ލިބިވަޑައިގެންފައެވެ. މި އިންތިހާބުގައި އަަސްލަމްއާ ވާދަކުރެއްވީ މިހާތަނަށް އެމަޤާމު ފުރުއްވަމުން ގެންދެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމްއެވެ. ޢާޒިމްއަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

މިއަދު ބޭއްވި އިންތިޙާބުގައި، ޕީޖީ ގްރޫޕްގެ ހަ މަގާމަކަށް ބޭފުޅުން އިންތިހާބުކުރުން ކުރިއަށްދިޔައެވެ. އެގޮތުން 2 ޑެޕިއުޓީ ޕީޖީ ލީޑަރުން އިންތިހާބުކުރަންޖެހޭއިރު، 3 ބޭފުޅަކު އެމަގާމަށް ވާދަކުރެއްވިއެވެ. 49 ވޯޓާއެކު އެއް ޑެޕިއުޓީ ލީޑަރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ ހޮވިވަޑައިގެންފައެވެ. މި މަޤާމަށް ދެން ކުރިމަތިލާފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ވޯޓް އެއްވަރުވުމާއެކު އެމަގާމަށް ބޭފުޅަކު އިންތިހާބުކުރަން ވޯޓުގެ އިތުރު ބުރެއް އޮންނާނެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އަމީން އާއްމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އެކަނިކަމަށްވުމުން އޭނާ ވަނީ މާ ބޮޑު ވާދަވެރިކަމެއް ނެތި އެ މަޤާމަށް ހޮވިފައެވެ. އަމީން އާއްމުގެ ނައިބުގެ މަޤާމަށް އިންތިޙާބުވެވަޑައިގަތީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.

ޗީފް ވިޕްގެ މަޤާމަށް އިންތިޙާބުވެވަޑައިގަތީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީއެވެ. ވިޕުންގެ

އެމްޑީޕީން އަންނަނީ އެޕާޓީގެ ގިނަ މަޤާމުތަކެއްގެ އިންތިޙާބު ބާއްވަން ތައްޔާރުވަމުންނެވެ. އެގޮތުން އެޕާޓީގެ ޗެއަރޕާސަންގެ އިންތިޙާބު އޭޕްރީލްމަހު އަދި ކޮންގްރެސް އޯގަސްޓްމަހު ބޭއްވުމަށް ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.