ތަޢުލީމު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި މިއަހަރު ކިޔަވަން ފަށާނެ


ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު
ދަރުމަވަންތަ ސްކޫލްގެ ވަގުތީ ޢިމާރާތުގައިވެސް ކިޔެވުން ފެށޭނެކަމަށް
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ދަރުމަވަންތަ ސްކޫލު ބާވެ ހަލާކުވުމާއި
ގުޅިގެން އެ ސްކޫލުގައި ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރުން ކިޔެވުމަށްޓަކައި
ސަރުކާރުން ވަނީ ވަގުތީ ސްކޫލެއް ޢިމާރާތް ކޮށްފައެވެ.  

ވެލާނާގެ ކައިރީގައި ހަދާފައިވާ މި
ޢިމާރާތުގައި މިހާރު ކުރިޔަށް ދަނީ އެސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން ވާންޖެހޭ
އެންމެ ފަހުގެ ތައްޔާރީތައްކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ
އިބްރާހިމް އިސްމައިލް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިހާރު މިގެންދަނީ
ފިނިޝިންގެ މަސައްކަތް. އެގޮތުން ކުރަމުންދާމަސައްކަތަކީ ގޯތިތެރޭގައި
ދޮންވެލިލުމާއި ދިދަދަނޑި ހަރުކުރުމާއި ކުލާސްރޫމުގެ ނަންބޯޑްތައް ހަރުކުރުމާއި  ފޮޅައި ސާފުކުރުމުގެ މަސައްކަތް " އިބްރާހިމް
އިސްމައިލް ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުންވެސް، ދިރާސީ އާއަހަރުގެ
ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް
މަޢުލޫމާތު ލިބެއެވެ. މި ސްކޫލުގައި ކޮންމެ ޝެޝަނެއްގައި އަށްސަތޭކައެއްހާ
ކުދިންނަށް ކިޔެވޭނެކެމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މި
ސްކޫލުގައިވެސް އެހެން ސްކޫލްތަކެކޭ އެއްފަދައިން ކިޔެވުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް
ހުންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އަލަށް އަޅާފައިވާ
ދަރުމަވަންތަ ސްކޫލުގެ އާ ޢިމާރާތުގެ ގޯތިތެރެ ކުޑަ ނަމަވެސް، ސްކޫލުގެ ބާ
ޢިމާރާތުގެ ގޯތިތެރެ ސްކޫލުގެ އެކި ކަންކަމުގައި ބޭނުން ކުރެވޭނެކަމަށް
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމައިލް ވިދާޅުވިއެވެ. 

އަލަށް އަޅާފައިވާ
ދަރުމަވަންތަ ސްކޫލްގެ އިމާރާތަކީ ބޭނުންވެއްޖެ ހިނދެއްގައި ރޫޅާލައިގެން ގެންދެވޭނެ ފަދަ
ގޮތަކަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ.