ފުރަތަމަ ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް ޗެންޕިއަންޝިޕްގައި ރާއްޖޭގެ އިސްމާޢިލް ސާޖިދާއި އާދަމް ނަސީމްގެ ޕެއަރއިން ލަންކާގެ މައްޗަށް ކުރި ހޯދައިފިއެވެ. ސްރީލަންކާގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން 2 ޕެއަރ އާއި އަންހެން ދެ ޕެއަރ ވާދަކުރިއެވެ. އެއީ އިސްމާޢީލް ސާޖިދާއި އާދަމް ނަސީމްގެ ޕެއަރ އާއި އަހުމަދު މުޙައްމަދާއި، މުޙައްމަދު ޢަލީގެ ޕެއަރއެވެ. އަންހެން ޓީމުގައި ހިމެނޭ 4 ކުޅުންތެރިންނަކީ މަރިޔަމް އަޒްމާ އާއި އައިޝަތު މާޖިދާގެ ޕެއަރ އަދި އާމިނަތު ރުދެއިނާ އާއި ހައްވާ ނާޒިމާގެ ޕެއަރއެވެ.
މިމުބާރާތުގައި ރާއްޖޭގެ އިސްމާޢީލް ސާޖިދާއި އާދަމް ނަސީމްގެ ޕެއަރ މެޗް ކާމުޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ލަންކާގެ ނަލިން އާއި މަލިންތަގެ ޕެއަރއާއި ވާދަކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ސާޖިދާއި އާދަމް ގެންދިޔައީ 21-18 އަދި 21-19އިންނެވެ.
މިމުބާރާތުގައި ރާއްޖެއިން ދެން ވާދަކޮށްފައިވަނީ އަހުމަދު މުޙައްމަދާއި، މުޙައްމަދު ޢަލީގެ ޕެއަރއެވެ. އެޓީމްގެ ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އަރާން ޢަލީ އާއި މަހުދީގެ ޕެއަރއާއާއެވެ. މިމެޗް ދެ ސެޓް 1 ސެޓުން ކާމިޔާބުކޮށްފައިވަނީ އަރާންގެ ޕެއަރއެވެ. ފޯރިގަދަ ކުޅުމަކަށްފަހު އިރާންގެ ޕެއަރއިން މެޗް ކާމިޔާބުކޮށްފައިވަނީ 21-09، 16-21 އަދި 15-10އަކުންނެވެ.
ރާއްޖޭގެ އަންހެން ޕެއަރކަމަށްވާ މަރިޔަމް އަޒްމާ އާއި އައިޝަތު މާޖިދާގެ ޕެއަރ ވާދަކޮށްފައިވަނީ ލަންކާގެ ޝެހާނީ އާއި ޖަޔަވަރުދަނާގެ ޕެއަރއާއާއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ލަންކާގެ ޕެއަރއިންނެވެ. އެއީ 21-18 އަދި 21-05 އިންނެވެ.
މިމުބާރާތުގައި ފިރިހެން ބައިގައި 5 ގައުމުން 10 ޕެއަރ ވާދަކުރާއިރު އަދި އަންހެން ބައިގައި 6 ޕެއަރ ވާދަކުރާނެއެވެ. ފިރިހެން އަދި އަންހެންބައިގެ ވެސް ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުން ވެސް ސެމީއަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.