ޚަބަރު

ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި


ބުރާސްފަތިދުވަހު ހެނދުނު ގަލޮޅު
ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު އުމުރުން 23 އަހަރުގެ
ޙައްވާ ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.




ފުލުހުން ވިދާޅުވީ މިމައްސަލައިގެ
ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50
އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.



ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ
ދަންވަރުގެ ވަގުތުގައި ކޯޓުއަމުރެއްގެ ދަށުންކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
އަދި އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް
ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް
ފުލުހުން ވިދާޅުވެއެވެ.



މިމައްސަލަ އިތުރަށް ތަޙުޤީޤު
ކުރުމަށްޓަކައި ޙައްވާ ޒުހާގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް
ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައި
އެކަމާބެހޭ ގޮތުން ކުރަންހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.