ވިޔަފާރި

މޮސްކޯ ޑައިވް ޝޯގައި ރާއްޖެ އިޝްތިހާރުކުރަނީ


ރާއްޖޭގައި މޫދު ކުޅިވަރާއި ޑައިވިންގެ ދާއިރާއިން ހުރި ފުރުސަތުތައް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެއްޖެއެވެ.

މިއީ މޮސްކޯ ޑައިވް ޝޯގައި އެމްއެމްޕީއާރުސީން ބައިވެރިވާ 2 ވަނަ އަހަރެވެ. މިއަހަރުގެ މިޝޯ ކުރިއަށް ދާނީ މިމަހުގެ 17 އިން 20 ވަނަ ދުވަހަށް ރަޝިއާގެ މޮސްކޯގައެވެ.

މޮސްކޯ ޑައިވް ޝޯއަކީ ރަޝިއާ އަދި އީސްޓަން ޔޫރަޕްގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް އެގްޒިބިޝަންއެވެ. މި އެގްޒިބިޝަންއަކީ ކަނޑުއަޑީގެ އެކި ހަރަކާތްކާއި، މޫދު ކުޅިވަރުގެ ދާއިރާގެ ހިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކަށް އެއްތަނަކުން ބައްދަލުކޮށް، ޕްރޮޑަކްޓްތަކާއި ސާވިސްތައް އިޝްތިހާރުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ. މިގޮތުން މި އެގްޒިބިޝަންގައި މި ދާއިރާގެ އިކުއިޕްމަންޓާއި، އާ ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކާއި، މިދާއިރާއިން މީހުން ތަމްރީން ކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ.

އެމްއެމްޕީއާރުސީއާއެކު މި އެގްޒިބިޝަންގައި 5 ކޯ-އެގްޒިބިޓަރުން ބައިވެރިވެއެވެ. މި ހަރަކާތުގެ ޒަރިއްޔާއިން ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ މޫދު ކުޅިވަރާއި ޑައިވިން ފަދަ ހަރަކާތްތަކުގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މިފަދަ ހިދުމަތްތަކާ ގުޅޭ ފަހުގެ ޕްރޮޑަކްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތާއި، މިފަދަ ސާރވިސްދޭ ފަރާތްތަކާ ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބޭނެއެވެ.

މި ފެއަރގައި ބައިވެރިވަމުން ދަނީ އެމްއެމްޕީއާރުސީއިން ރަޝިއާ އަދި ސީއައިއެސް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށަންނެވެ. ރަޝިއާއަކީ ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައި އެއް މާކެޓެވެ. 2019 ވަނަ އަހަރާ އަޅާކިޔާއިރު 2021 ވަނަ އަހަރު ރަޝިއާއިން ރާއްޖެ އައި މީހުންގެ އަދަދު ވަނީ 175 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރު ރަޝިއާ މާކެޓުން ރާއްޖެއަށް 222422 ފަތުރުވެރިން އައިސްފަވެއެވެ.