ކުޅިވަރު

ކޯނޭގެ ލަނޑު މާޒިޔާ ޕްރިމިއަރ ލީގު މޮޅަކުން ފަށައިފި


ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހު ޗެންޕިއަން މާޒިޔާއިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ހަނިގޮތަކަށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މައްޗަށް ކުރި ހޯދައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އެޓީމުގެ ކުޅުނު ފުރަތަމަ މެޗް ސަސްއާއި ވާދަކޮށް މެޗް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗަށް މާޒިޔާ ނިކުމެފައިވާއިރު، އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި އެޓީމު ވަނީ ވެލެންސިޔާ އަތުން ބަލިވެފައެވެ. އެބައްޔާއި ގުޅިގެން މާޒިޔާއިން ވަނީ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށްފައެވެ. ލީގް ފެށުމުގެ ކުރިން މާޒިޔާއިން ވަނީ ޔޫރަޕް އަދި އޭޝިއާގެ މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ. މިމެޗަށް މާޒިޔާއިން ނިކުމެފައިވާއިރު، އެޓީމާ އެންމެ ފަހުން ގުޅުނު ސްޕެއިންގެ މިޑްފިލްޑަރ ޓަނާ ޓީމްގެ ފުރަތަމަ 11އިގައި ހިމަނާފައެއް ނުވެއެވެ.

މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް މާރަގޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މާޒިޔާއިން މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ސަސްއިން މެޗްގައި ބޮޑަށް ބެލީ ޑިފެންސަށް ވިސްނައިގެން، ލިބޭ ފުރުސަތުތަކުގައި ގޯލް ޖަހާށެވެ. މެޗްގައި މާޒިޔާއިން ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 30ވަނަ މިނެޓްގައި އިބްރާހިމް އައިސަމަށެވެ. ނަމަވެސް އައިސަމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑުމަތިން ބޭރަށެވެ. ސަސްއިން ގޯލް ޖެހުމާއި އެންމެ ގާތަށް ޖެހިލީ މުޙައްމަދު ސަހާއުއަށް ލިބުނު ފުރުސަތުންނެވެ. ނަމަވެސް ސަމާހު ފޮނުވާލި ބޯޅަ ދިޔައީ މާޒިޔާގެ ގޯލް ދަނޑިމަތިން ބޭރަށެވެ.

އައިސަމް އަށް ލިބުނު ފުރުސަތަށްފަހު ސަސް އިން އެ ޓީމުގެ ފުރަތަމަ ހަމަލާއުފެއްދިއެވެ. މުޙައްމަދު ސަހާއު (ބޭލް) އޭރިއާ ބޭރުން ކައިރީގައި ހުރި ހަސަން ޝިފާޒް (ޑުންގާ) ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑުމަތިން ބޭރަށެވެ. މެޗްގައި ސަސްއަށް މާރަގަނޅު ފުރުސަތެއް ލިބިގެން ނުދިޔަ ނަމަވެސް، މާޒިޔާއިން ދިޔައީ ފުލުފުލުގައި ސަސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ފެށީ އެޓީމާއި އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ ޓާނާއެކުއެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަށް އުފައްދާފައިވަނީ މާޒިޔާއިންނެވެ. މާޒިޔާއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 78ވަނަ މިނެޓްގައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކޯނޭއެވެ. މިލަނޑަށްފަހުވެސް މާޒިޔާއަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޒާ މުޙައްމަދަށް ލިބުނު ފުރުސަތު ހުރަހަކަށްވީ ސަސްގެ ކީޕަރު ޝަފީއުއެވެ.