ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި ސަލީމާގެ މުހިއްމު ދައުރު!


ރާއްޖޭގެ ތަރައްޤީގެ ކޮންމެ ކަމެއްގައިވެސް އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ބޮޑެވެ. ޤައުމު ބިނާކުރުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އަބަދުވެސް ރާއްޖެއަށް އައީ ލިބެމުންނެވެ. މިއީ ހަމައެކަނި މިއަދުގެ ހާލަތެއް ނޫނެވެ. މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައިވެސް ކަންއޮތީ ހަމައެގޮތަށެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓް ކުރުނބާ މޯލްޑިވްސް ހުޅުވައި މަސައްކަތް ފަށައިގަތުމުގައިވެސް ދިވެހި އަންހެނެއްގެ ބުރަ މަސައްކަތް ހިމެނޭކަން ޓޫރިޒަމް މިނިސްޓްރީން މިއަދު ފެށި "ޓޫރިޒަމް އަޕްބީޓް – ދި ޕައިނިއާރސް ޓޯކް"ގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއަށް ފަތުރުވެރިކަން ފައްޓަވައިދެއްވި ބާނީއެއްކަމަށްވާ މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާ "ޓޫރިޒަމް އަޕްބީޓް – ދި ޕައިނިއާރސް ކޯޓް" ގައި ވަނީ ރާއްޖެއަށް ފަތުރުވެރިކަން ފެށުނުގޮތާއި މިކަމުގައި އުޅުނު ފަރާތްތަކާއި އަދި ދިމާވި ގޮންޖެހުންތަކާއި ގުޅޭގޮތުން ދާއިރާގެ ބާނީން ވާހަކަދައްކަވާފައެވެ. މި ޓޯކް ޝޯގައި ވާހަކަދައްކަވަމުން ރާއްޖެއަށް ފަތުރުވެރިކަން ފައްޓަވައިދެއްވި ބާނީއެއްކަމަށްވާ މިހާރުގެ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ރިސޯޓް "ކުރުނބާ މޯލްޑިވްސް" ތަރައްޤީކުރިއިރު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނުކަމަށެވެ.

ނަސީމް ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ތަރައްޤީކުރުމަށް އެއިރުގެ ސަރުކާރުގެ ފަރާތުން ގިނަ ގޮންޖެހުންތަކެއް އެބޭފުޅުންނަށް ކުރިމަތިވިކަމަށެވެ. އެއިރު ސަރުކާރުން ހުށައެޅުއްވި ހުށައެޅުމާއި ދެކޮޅު ހެއްދެވުމުން މިމަސައްކަތުގައި އުޅުއްވި އަފީފް ތުރާކުނަށް އަރުވާލިކަމަށާއި، އެމްޔޫ މަނިކު ގޭބަންދުގައި ބެހެއްޓެވިކަމަށާއި އަދި ނަސީމް ގައުމުން ބޭރަށް ފޮނުވާލެއްވިކަމަށް ނަސީމް ވިދާޅުވިއެވެ. ރިސޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ފިޔަވަޅު އެޅުއްވުމުގެ ސަބަބުން ކުރުނބާ މޯލްޑިވްސް ރިސޯޓް ނިންމޭނެ ގޮތެއް ނެތި އެކަމުގެ ކަންބޮޑުވުން ބޮޑުވިކަމަށް ނަސީމް ވިދާޅުވިއެވެ.

ރިސޯޓް ތަރައްޤީކުރެވޭނެ އެއްވެސް ގޮތެއްނެތުމުގެ ސަބަބުން ނަސީމްގެ ދައްތާފުޅު ހިކިފިނިފެންމާގޭ ސަލީމާ މުހައްމަދު ކަލޭފާނަށް ގުޅުއްވިކަމަށާއި، ކަންތައްތައް ވީގޮތް ކިޔާދެއްވައި ރިސޯޓްގެ މަސައްކަތް އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ކުރިއަށް ނުގެންދެވޭނެކަމަށް ދެންނެވިކަމަށް ނަސީމް ވިދާޅުވިއެއެވެ. އަދި މިކަމުގައި އެހީތެރިވެދެވޭނެތޯ ދައްތާފުޅުގެ އަރިހުގައި އެއްސެވިކަމަށާއި، އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދައްތާފުޅު ދެއްވިކަމަށްވެސް ނަސީމް ވިދާޅުވިއެވެ. ކުރުނބާ މޯލްޑިވްސްގެ މަސައްކަތް ނިންމުމަށްޓަކައި ދައްތާފުޅު ވަރަށް ބޮޑު ދައުރެއް އަދާކުރެއްވިކަމަށާއި ދައްތާފުޅު ވެދިން އެހީތެރިކަމާއިނުލައި އެއިރު އެކަން ނުވީސްކަމަށްވެސް ނަސީމް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެއްވި ފަރާތްތަކުގެ ހައިސިއްޔަތުން ނަސީމްއާއި، އަފީފް، އެމްޔޫ މަނިކު އަދި ޖޯޖި ކޯބިންގެ ފަރާތުން ކުރުނބާ މޯލްޑިވްސް ރިސޯޓް ހުޅުވުމަށް ސަލީމާ ކޮށްދެއްވި މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް މަސައްކަތް ބަލައިގަންނަކަމަށް ނަސީމް ވަނީ މި ޓޯކް ޝޯގައި ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި ހިއްސާވަނީ ހަމައެކަނި ފިރެހެނުން ނޫންކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ފެށުމަށްޓަކައި އަންހެނުންގެ ބުރަ މަސައްކަތް ހިމެނޭކަން މި ޓޯކް ޝޯގައި ތަކުރާރުކޮށް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަމީނިއްޔާގައި ކިޔަވަމުންދިޔަ އަންހެން ގިނަ ދަރިވަރުން ބަންދު ދުވަސްތަކާއި ދިމާކޮށް ރިސޯޓަށް އައިސް ފަތުރުވެރިކަމުގައި އެހީތެރިވެދީފައިވާކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އަންހެން ކުދިން މަޑުމަޑުން ނިކުންނަށް ފެށިކަމަށް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދާއިރާއާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދައުރު ކުޑަވިނަމަވެސް، މިހާރު އަނެއްކާވެސް މަޑުމަޑުން މި ދާއިރާގައި މަސައްކަތްކުރާ އަންހެން ކުދިންގެ އަދަދު އިތުރުވަމުން އަންނަކަން ނަސީމް ފާހަގަކުރެއްވިއެވެ. އަދި މިއީ އުފާކުރައްވާކަމެއްކަމަށް ނަސީމް ވިދާޅުވިއެވެ.

މިއަދު ފެށި ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯވ މޮޑަރޭޓްކޮށްދެއްވި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯވ ދެން އޮންނަ ސީރީޒް ހާއްސަކޮށްފައިވަނީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ އަންހެނުންނަށެވެ. އަދި ދެންއޮތް ސީރީޒް ކަނބަލުންނަށް ހާއްސަކޮށްފައިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.