ޚަބަރު

އެންޑްރޮއިޑަށް ބަދަލުތަކެއް ގެންނަނީ


ގޫގުލް އެންޑްރޮއިޑް ސިސްޓަމްތަކުން އިޝްތިހާރު ޓްރެކްކުރެވޭ މިންވަރު ލިމިޓްކުރުމަށްޓަކައި، އެންޑްރޮއިޑް ސޮފްޓްވެއަރއަށް ބަދަލުގެނައުމަށް ގޫގުލްއިން ނިންމައިފިއެވެ.

އޮންލައިން ޕްލެޓްފޯމުތަކުގައި ޖަހާ އިޝްތިހާރުތައް ޓްރެކްކުރުމުގެ ފުރުޞަތު ކުންފުނިތަކަށް ދީފައިއޮތުމުން ކަސްޓަމަރުންގެ ސިއްރު މަޢޫލޫމާތު ހާމަވާ މައްސަލައަކީ ގިނަ ކަސްޓަމަރުންގެ ޝަކުވާ އެކުލެވިފައިވާ މައްސަލައެކެވެ. މިކަން ޙައްލުކުރުމަށްޓަކައި ޓެކް ކުންފުނިތަކަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް މިދިޔަ އަހަރު އެޕަލް ކުންފުނިން ވަނީ އެ ކުންފުނީގެ އައި ފޯންތަކުގައި ބޭނުންކުރާ ސިސްޓަމުގެ ޕްރައިވެސީ ސެޓިންއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިހާރު ޢަމަލުކުރަމުންދާ ގޮތަށް ބަލާއިރު ބޮޑެތި ޓެކް ކުންފުނިތަކުން އެންޑްރޮއިޑް ޑިވައިސްތައް ޓްރެކްކުރުމުގެ އެކްސެސް ލިބެންއޮވެއެވެ. އިޝްތިހާރުޖަހާ ފަރާތްތަކުން މި އެކްސެސް ބޭނުންކޮށްގެން މީހުންގެ އޮންލައިން އެކްޓިވިޓީ ޕްރޮފައިލް ބެލުމުގެ ފުރުޞަތު އޮވެއެވެ. އަދި އެގޮތުން އެމީހަކު ޝަޢުޤުވެރިވާނެކަމަށް ފެންނަ އިޝްތިހާރުތަކެއް ދެއްކުމުގެ ފުރުޞަތު އޮވެއެވެ. މި އެކްސެސް ބޭނުންކޮށްގެން ޓެކް ކުންފުނިތަކުންވެސް ދަނީ އިޝްތިހާރުތައް މެދުވެރިކޮށް ބިލިއަނުން އާމްދަނީ ހޯދަމުންނެވެ.

ކަސްޓަމަރުންގެ މަޢުލޫމާތަށް އެކްސެސް ދިނުމުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަންގާފަައިވުމާއި ގުޅިގެން ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމަރުންގެ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްގެން، ވިޔަފާރިވެރިންނަށް އިޝްތިހާރު ކުރެވޭނެ މަގު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި އެޕަލް ކުންފުނީގެ އައިފޯނު ބޭނުންކުރާ 1 ބިލިއަން ކަސްޓަމަރުންނަށް އެ ކުންފުނިން ގެނެސްދިން ބަދަލުގައި ކަސްޓަމަރުންގެ އޮންލައިން އެކްޓިވިޓީ ޓްރެކްކުރުމުގެ ހުއްދަ ދިނުމާއި ނުދިނުން ކަނޑައެޅުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބެއެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންގެ މަޢުލޫމާތު އެއްކޮށްގެން މަސައްކަތް ކުރަމުންދާ ގިނަ ޓެކް ކުންފުނިތަކަށް ބޮޑު އަސަރެއް ކުރިއެވެ. އެގޮތުން ގިނަ ޢަދަދަކަށް ޔޫޒާ ޑޭޓާ ބޭނުންކުރާ ފޭސްބުކުން ވަނީ މި ބަދަލާއި ގުޅިގެން މި އަހަރު އާމްދަނީއަށް 10 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް ބުނެފައެވެ.

އެޕަލް ކުންފުންޏާއި ޚިލާފަށް ގޫގުލް އިން ޢަމާޒުކުރަނީ ކަސްޓަމަރުންގެ މަޢުލޫމާތު ނެގުމަށް އޮންނަ އެކްސެސް މުޅިން ކަނޑާލުމުގެ ބަދަލުގައި މަޢުލޫމާތު ޙިއްސާކުރުން ލިމިޓްކުރުމަށްފަހު އިޝްތިހާރުތައް ޓްރެކްކުރުމަށް އެކަށީގެންވާ ޓޫލްތަކެއް އުފެއްދުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މިހާރު އިޝްތިހާރު ދެއްކުމަށް ކަނޑައަޅާފައިވާ ފީޗާތަކަށް 2 އަހަރު ވަންދެން ޢަމަލުކުރުމުގެ ފުރުޞަތު ދޭނެކަމަށާއި، ގެންނަ ހުރިހާ ބަދަލެއްވެސް އެކަށީގެންވާ ވަގުތު ހިމެނޭހެން ކުރީބައިގައި އަންގާނެކަމަށް ގޫގުލްއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ 85 އިންސައްތަ ފޯނުގައި ބޭނުންކުރަނީ އެންޑްރޮއިޑް ސޮފްޓްވެއަރއެވެ. އެހެންކަމުން އެންޑްރޮއިޑްގެ އޮޕަރޭޓިންގ ސޮފްޓްވެއަރއަށް ގެންނަ ކޮންމެ ބަދަލެއްގެ ސަބަބުން އެތައް ބިލިއަން މީހުންގެ މަޢުލޫމާތު ނެގުމުގައި ހުރަސް އެޅިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ގޫގުލް ހިންގާ އަލްފަބެޓް ކުންފުނީގެ 80 އިންސައްތަ އާމްދަނީ ބިނާވެފައި އޮންނަނީވެސް އިޝްތިހާރުގެ ވިޔަފާރިއަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިޝްތިހާރުތަކުން އެކަނި 60 ބިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބިފައިވެއެވެ.