ޚަބަރު

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްތަކުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ: މަހްލޫފު


ޒުވާނުން ވަޒީފާގެ މާޙައުލުގައި ކުރިއަށްދިއުމަށް ހިންގާ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ ދަށުން ސްކޫލް ދައުރު ނިންމާ ވަޒީފާގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް ޕޯޓުގެ ދާއިރާއާ ގުޅޭ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އެމްޕީއެލްއިން ބުނީ ޕޯޓްގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، މި ދާއިރާއަކީ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާ ދާއިރާއެކެވެ.

މިޕްރޮގްރާމްގެ ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަހުލޫފު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ކުރިއަށްދިއުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށާއި، އެގޮތުން ކޮންމެ ދަރިވަރަކުވެސް ލިބޭ ފުރުސަތުގެ ބޭނުންހިފަން ދަސްކުރަންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ބައިވެރިންނަށް ހިތްވަރުދެއްވާފައެވެ.

"އަމިއްލަ ޒިންމާއަކަށް ހަދަން މިޖެހެނި ކުރާކަމަކުން ކުރިއަށްދާން. މިއަދު ތިލިބޭ ފުރުސަތުގެ އެޑްވާންޓޭޖް ނެގެން އޮތް އެންމެ ފުޅާކޮށް ނަގައިގެން ކުރިއަށްދެވޭނި" މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފްގެ ވާހަކަފުޅުގައި ވަނީ މި ޕްރޮގްރާމް ހިންގުމަށް އެމްޕީއެލްއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޕޯޓުގެ ދާއިރާއަކީ ކުރިއަށް ދިޔުމަށް ތަފާތު މަސައްކަތްތައް ކުރެވިދާނެ ދާއިރާއެކެވެ. އެގޮތުން ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުން، ބޯޓުފަހަރުގެ ރިޕެއަރ މެއިންޓަނެންސް މަސައްކަތް، ހެވީ އިކުއިޕްމަންޓް އޮޕަރޭޓް ކުރުން އަދި ކޮންޓެއިނާ ކޮންޓެންޝަނަލް ކާގޯ އަރުވައި ބޭލުމުގެ މަސައްކަތް ފަދަ ތަފާތު މަސައްކަތްތައް ހިމެނެއެވެ.

ސަލާމަތާއި ރައްކާތެރިކަމަކީ ޕޯޓުގެ ދާއިރާގައި އެންމެ މުހިއްމު ސަމާލުކަމެއް ދޭންޖެހޭ އެއްކަމެވެ. މިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމެކޭ އެއްގޮތަށް ކަނޑުމަތީގައިވެސް ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވާންޖެހޭކަމަށެވެ.

"ރާއްޖެއަކީ މާސިންގާ ކަނޑެއްގެ މެދުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެކެވެ. އަޅުގަނޑުމެންނަށް އަބަދުވެސް ކުރަންޖެހިފައި އޮންނަ ކަމަކީ އެއްތަނުން އަނެއްތަނަށް، ކަނޑުމަގުން މީހުންނާއި މުދާ އުފުލުން. މިކަމަކީ ރައްކާތެރިކަމާއިއެކު ކުރަންޖެހޭ ކަމެއް" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެމްޕީއެލްއިން ވަނީ ޒުވާނުން ތަމްރީންކުރުމުގެ ގޮތުން މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ.