ޚަބަރު

ސިންގަޕޫރު އެއަރލައިންސްއިން ހޮންކޮންގއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި


ސިންގަޕޫރު އެއަރލައިންސްއިން ހޮންކޮންގއަށް ދަތުރުކުރި ގިނަ ޢަދަދެއްގެ ފަސިންޖަރުން ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން، އެ އެއަރލައިނުން ހޮންކޮންގއަށް ކުރާ ދަތުރުތައް 2 ހަފްތާގެ މުއްދަތަށް މެދުކަނޑާލަން އަންގައިފިއެވެ.

ސިންގަޕޫރު އެއަރލައިންސްގެ އޮފިޝަލުން ވިދާޅުވާގޮތުގައި އެ އެއަރލައިނުން ހޮންކޮންގއަށް ދަތުރުކުރި ގިނަ ޢަދަދެއްގެ ފަސިންޖަރުން ކޯވިޑް-19އަށް ފައްސިވެފައިވާތީ، ސިންގަޕޫރާއި ހޮންގްކޮންގ އާއި ދެމެދު އެ އެއަރލައިނުން ކުރާ ސީދާ ދަތުރުތައް 2 ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކުރުމަށް ހޮންކޮންގގެ އިދާރާތަކުން ވަނީ އަންގާފައެވެ. އެގޮތުން މި ރާސްތާގައި ކޮންމެ ދުވަހަކު ދަތުރުކުރާ ދެ ބޯޓުކަމަށްވާ އެސް.ކިޔު.882 އާއި އެސް.ކިޔު.894، ފެބްރުއަރީ 16 އިން ފެށިގެން މާޗު 1 ގެ ނިޔަލަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވާކަމަށް ސިންގަޕޫރު އެއަރލައިނުން ހާމަކުރެއެވެ. ނަމަވެސް ހޮންކޮންގއިން ސިންގަޕޫރަށް ކުރާ އެ އެއަރލައިނުގެ ދަތުރުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހޮންކޮންގއިން މި ފިޔަވަޅު އަޅާފައިވަނީ ސިންގަޕޫރު އެއަރލައިންސްއިން ދަތުރު ފެށުމުގެ ކުރިން ފަސިންޖަރުން ހެދި ޕީސީއާރު ޓެސްޓުތަކުން ނެގެޓިވް ނަތީޖާ ލިބިފައިވަނިކޮށް ހޮންކޮންގއަށް އެތެރެވުމަށްފަހު މި ފަސިންޖަރުން ހެދި ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވާތީއެވެ.

ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވެފައިވާ ދުވަސްވަރެއްގައި ވައިގެ ދަތުރުތަކަށް އިތުރު ފުރުޞަތު ހުޅުވާލުމަށްޓަކައި ބުދަ ދުވަހު ސިންގަޕޫރުން ވަނީ ހޮންކޮންގއަށް ޚާއްޞަކޮށްގެން ވެކްސިނޭޓެޑް ޓެރެވަލް ލޭނެއް ހުޅުވާފައެވެ. ވެކްސިނުގެ ހުރިހާ ޑޯޒެއް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ދަތުރުކުރުމަށް ހުޅުވާލި މި ޓްރެވަލް ލޭން ފެބްރުއަރީ 25 ގައި ބޭނުންކުރަން ފަށާއިރު، މި ޓްރެވަލް ލޭނުގެ ދަށުން ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުވާކަށް ނުޖެހެއެވެ.