ޚަބަރު

ބާލީ، ފަތުރުވެރިންނަށް އަލުން ހުޅުވާލައިފި


ދެ އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ބާލީ، ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ. ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިން ބާލީއަށް އެތެރެވުން މަނާކޮށްފައި އޮތުމަށްފަހު މިހާރު އެ ޕްރޮވިންސްގެ އެއަރޕޯޓު މިވަނީ ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލާފައެވެ.

ފަތުރުވެރިން ގޮވައިގެން އައި ފުރަތަމަ ބައިނަލްއަޤްވާމީ ބޯޓަށް ބާލީން މަރުޙަބާކިޔާފައިވަނީ ބުދަދުވަހުއެވެ. ސިންގަޕޫރު އެއަރލައިންސްގެ މި ބޯޓުގައި އިންޑޮނޭޝިއާގެ 47 މީހުންނާއި އެހެނިހެން ޤައުމުތަކުގެ 109 ފަތުރުވެރިން ހިމެނެއެވެ. ބާލީއަށް އެތެރެވާ ފަތުރުވެރިންނަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ފަތުރުވެރިން ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ 27 ހޮޓަލުގެ ތެރެއިން ހޮޓަލެއްގައި 3 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށް ކަރަންޓީނުވާންޖެހެއެވެ. އެހެންނަމަވެސް އަންނަ މާޗުމަހުން ފެށިގެން ފަތުރުވެެރިން ކަރަންޓީނުވާން ނުޖެހޭގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބާލީގެ ގަވަރުނަރު ވަޔަން ކޮސްތާ ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ފަތުރުވެރިން ފުރާއިރު އަދި އެރަށަށް އާދެވުމުން ކޯވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުވާން ނުޖެހޭގޮތަަށް އުޞޫލަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެ އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ފަރުތުވެރިކަމަށް ހުޅުވާލުމުން ރަނގަޅު ޑިމާންޑެއް އެބައޮތްކަމަށް ބާލީގެ ގަވަރުނަރު ފާހަގަކުރައްވައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ސިންގަޕޫރުން ބާލީއަށް ސިންގަޕޫރު އެއަރލައިންގެ ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަމަހު އޮސްޓްރޭލިއާގެ ޖެޓްސްޓަރ އެއަރލައިނުންވެސް މި މަންޒިލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެއެވެ.

އިންޑޮނޭޝިއާގެ ޕްރޮވިންސެއް ކަމަށްވާ ބާލީއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެރަށް ފަތުރުވެރިކަމަށް ހުޅުވާލުމަށްޓަކައި ވަކި ޤައުމުތަކަކަށް ހުއްދަދީގެން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ފްލައިޓުތަކެއް ބޭއްވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭރު ދަތުރުކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނާއި ބާލީއަށް ސީދާ ދަތުރުކުރާ ފްލައިޓުތަކެއް ނެތުމުގެ ސަބަބުން އެ ޕްރޮގްރާމް ކާމިޔާބުވެފައެއް ނުވެއެވެ.

އިންޑޮނޭޝިއާ ސަރަޙައްދުގެ އެހެން ޤައުމުތަކަށް ބަލާއިރު ފިލިޕީންސުން މިދިޔަ ހަފްތާގައި ވަނީ ފަތުރުވެރިން ގެންނަން ފަށާފައެވެ. ވިއެޓްނާމުން މާޗު 15 ގައި ފަތުރުވެރިންނަށް މަރުޙަބާކިޔުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.