ޚަބަރު

މަހުން ލިބޭ މަންފާ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް- މިނިސްޓަރ


އަމާޒަކީ ދިވެހި މަސްވެރިން ބާނާ
މަސް، ގަނޑުކުރި މަހުގެ ގޮތުގައި ބޭރު ކުރުން މަދުކޮށް، ރާއްޖެއިން މަސް
ބޭރުކުރުމުގެ ކުރިން މަހަށް ވެލިއު އެޑްކޮށް، އެއިން ލިބޭ ނަފާ އިތުރުކުރުން
ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ
ވިދާޅުވެއްޖެއެވެ.



މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން ބޭއްވި
ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވެހި ވާހަކަފުޅުގައެވެ. ރޭ އައްޑޫ ސިޓީ
ހުޅުމީދޫ ސީނު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި މިނިސްޓަރ
ވިދާޅުވީ މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި މަސް
ބަންދުކުރާ ކާރުޙާނާއެއް ހުޅުމީދޫގައި ތަރައްޤީކުރާ މަސްފެކްޓަރީގައިވެސް އެޅުމަށް
ހަމަޖެހިފައިވާ ކަމަށެވެ.



އައްޑޫ ސިޓީ ހުޅުމީދޫގައި
ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސް، ނުވަތަ މަސްފެކްޓްރީގެ އަމަލީ މަސައްކަތްތައް
އިއްޔެ ފަށްޓަވާފައިވާ އިރު މި ފެކްޓަރީ ހަދާ ނިމޭއިރު 1500 މެޓްރިކްޓަންގެ ކޯލްޑް
ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒްކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.




އަދި 50 ޓަނުގެ އައިސް އުފެއްދުމުގެ
ޤާބިލްކަމާއި 100 ޓަނުގެ ސްޓޯރޭޖެއްވެސް މި ފެކްޓްރީގައި ހުންނާނެއެވެ.   



މީގެއިތުރުން 200 ޓަން ޑީސަލް
ސްޓޯރޭޖާއި 250 ޓަން ފްރެޝް ވޯޓަރ ސްޓޯރޭޖެއްގެ އިތުރުން މަސްވެރިންގެ މެރީނާއެއް
އެތަނުގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 7 މިލިއަން
ޑޮލަރުގެ މަޝްރޫއެކެވެ. އަންނަ އޮކްޓޯބަރ މަހުގެތެރޭ މި މަސް ފެކްޓަރީ
އިމާރަތްކުރުމުގެ މަސައްކަތް ނިމި އެތަނުން މަސްގަންނަން ފެށޭވަރު ވާނެ ކަމަށް
މިފްކޯއިން މައުލޫމާތުދެއެވެ. މި މަސް ފެކްޓަރީ އެޅުމަށް ހަމަޖެހިފައިވަނީ
ހުޅުމީދޫ މެދު ބަނދަރުގައެވެ.