ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 34 ގޯތި ގަތުމަށް 180 ފަރާތަކުން ކުރިމަތިލައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުން ދިރިއުޅުމުގެ ބޭނުމަށް ބީލަން އުސޫލުން ގޯތި ގަތުމަށް 180 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އަތިރިމަތީ ސަރަހައްދުގައި، ގޮނޑުދޮށަށް ގޯތީގެ ކުރިމަތި ވާގޮތަށް ހުރި ގޯތިތައް ނޫން، އެހެން ގޯތިތަކުގެ ތެރެއިން 34 ގޯއްޗެއްގެ ބީލަން އެޗްޑީސީން ވަނީ މިއަދު ހުޅުވާލާފައެވެ. މިއަދު ހެނދުނު 9:00އިން 12:00 ޖެހުމާއި ހަމައަށް ބީލަން ފޯމު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 180 މިހަކު ފޯމު ހުށައަޅާފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އަދި މެންދުރު 13:00އިން ފެށިގެން ބީލަން ފޯމު ހުޅުވާ ޢިއުލާންކުރުން މިހާރު ކުރިއަށް ދަކަމަށްވެސް އެޗްޑީސީއިން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުން 60 ގޯތި ދޫކުރުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މީގެތެރެއިން ބީޗް ފްރޮންޓް ނުވަތަ ގޯތީގެ ކުރިމަތި ގޮނޑުދޮށަށްވާގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ 26ގޯތި މިމަހުގެ 9ވަނަ ދުވަހު ވަނީ ވިއްކާލާފައެވެ.

ބީލަމަށް މިއަދު ހުޅުވާލާއިރު އެޗްޑީސީއިން ވަނީ ބީލަމުގެ ޝަރުތުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން މާލޭ ރަށްވެއްސަކަށް ވުމާއެކު އެމީހެއްގެ ނަމުގައި މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހަކަށްވެސް ވެގެންނުވާނެއެވެ.

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯއްޗަށް ކުރިމަތިލާ މީހުން ބިޑް ސެކިއުރިޓީގެ ގޮތުގައި ތިންލައްކަ ވިހިހާސް ރުފިޔާ ދައްކަންޖެހެއެވެ. އަދި ބިޑް ފޯމާއެކު ގޯއްޗަށް އެދޭ މީހަކީ މިކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ފުރިހަމައަށް އޮތް މީހެއްކަން އަންގައިދޭ "ޕަވަރ އޮފް އެޓަރނީ" ހުށައަޅަންޖެހެއެވެ.

މާލެ ސަރަޙައްދުގައި ތޮއްޖެހުން ކުޑަކޮށް މިސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ މާސްޓަރ ޕްލޭނާއި އެއްގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2017ވަނަ އަހަރުގައެވެ. ދިރިއުޅުމުގެ ބޭނުމަށާއި ވިޔަފާރިއަށް ދެވަނަ ފިޔަވަހިން މިހާރު އަންނަނީ ބިން ވިއްކަމުންނެވެ