ޚަބަރު

ވިޔަފާރި މުޢާމަލާތްތަކުގައި އެޤައުމެއްގެ ފައިސާ ބޭނުންކުރުން އިތުރުކުރުމަށް އިންޑޮނޭޝިއާއިން ގޮވާލައިފި


ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގައި ޑޮލަރުގެ ބަދަލުގައި އެ ޤައުމެއްގެ ފައިސާ ބޭނުންކުރުން އިތުރުކުރުމަށް ހިތްވަރުދޭކަން އިންޑޮނޭޝިއާއިން ހާމަކޮށްފިއެވެ.

ޑޮލަރަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްޓަަކައި އޭޝިއާގެ އެކި ޤައުމުތައް ގުޅިގެން މިހާރު ދަނީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ލޯކަލް ކަރަންސީ ނުވަތަ އެ ޤައުމެއްގެ ފައިސާ ބޭނުންކުރުމަށް ނިންމަމުންނެވެ. މި ނިންމުންތަކަށް އެއްބާރުލުންދީ، މި އަހަރު ޖީ20 ޖަމާޢަތުގެ ރައީސްކަން ކުރަމުންދާ އިންޑޮނޭޝިއާއިން ބުދަ ދުވަހު ހާމަކޮށްފައިވަނީ، ޕެންޑެމިކުގެ އަސަރު ފައިސާގެ ބާޒާރުން ކެނޑިގެންދާން ފަށާފައިވާއިރު ބައިނަލްއަޤްވާމީ ބާޒާރުގައި މާލީ ކަންކަން އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެ ޤައުމެއްގެ ފައިސާއިން މުޢާމަލާތްކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.

މިއަހަރުގެ ޖީ20 ސަމިޓު ބޭއްވުމުގެ ކުރިން ޖީ20 ގައި ހިމެނޭ މާލީ ވަޒީރުންނާއި ބޭންކުތަކުގެ އޮފިޝަލުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އިންޑޮނޭޝިއާގެ މާލީ ވަޒީރު ސްރީ މުލިޔާނީ އިންދްރަވާތީ ވިދާޅުވީ ބޮޑެތި އިޤްތިޞާދު އެކުލެވޭ ޤައުމުތަކުން މާލީ ޕޮލިސީތައް ވަރުގަދަކުރުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ގިނަ ޢަދަދަކުން ފައިސާ ބޭރުކުރަންޖެހުންފަދަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. އެހެންކަމުން ފައިސާގެ ބާޒާރަށާއި އިޤްތިޞާދަށް އަންނަ "ޝޮކް"ތަކުން އަރައިގަތުމަށްޓަކައި އެ ޤައުމެއްގެ ފައިސާ ބޭނުންކުރާ މިންވަރު އިތުރުކުރުން ބައިނަލްއަޤްވާމީގޮތުންވެސް ފުޅާކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެ ޤައުމެއްގެ ފައިސާއިން މުޢާމަލާތްކުރުމަށް ހިތްވަރުދެއްވަމުން އިންޑޮނޭޝިއާގެ މާލީ ވަޒީރު ވިދާޅުވެފައިވަނީ މިއީ ފައިނެންޝަލް ސޭފްޓީއަށްޓަކައި އެކަށައެޅޭ ގްލޯބަލް އެޖެންޑާއެއް ކަމަށެވެ.

މި ބައްދަލުވުމުގައި ބޭންކް އިންޑޮނޭޝިއާގެ ގަވަރުނަރު ވިދާޅުވެފައިވަނީ ލޯކަލް ކަރަންސީ ބޭނުންކުރުމަށް މިހާރު ހެދިފައިވާ އިންތިޒާމުތަކުގެދަށުން އެ ޤައުމުން 2021 ވަނަ އަހަރު ޑޮލަރުގެ މުޢާމަލާތްތަކުން 2.53 ބިލިއަން ޑޮލަރު މަދުކުރެވިފައިވާ ކަމަށެވެ. އަދި މީގެ 10 އިންސައްތަ އިތުރަށް މިއަހަރު ޑޮލަރު ބޭނުންކުރާ މިންވަރު ދަށްކުރެވޭނެކަމަށް އެ ޤައުމުން ހާމަކުރެއެވެ.

ޗައިނާއިންވެސް ބުދަ ދުވަހު ވަނީ މި ނިންމުންތަކުގައި އޭޝިއާގެ ޤައުމުތަކާއި ބައިވެރިވާނެކަން ހާމަކޮށްފައެވެ. ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ހާމަކުރާގޮތުގައި ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، އަދި އާސިއާން ޖަމާޢަތުގެ ޤައުމުތަކުގެ މެދުގައި އެ ޤައުމުތަކުގެ ފައިސާ ބަދަލުކޮށްފައިވާ މިންވަރު 380 ބިލިއަން ޑޮލަރަށް އަރައެވެ.

އޮކްޓޯބަރުމަހު އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓާއި ގުޅޭގޮތުން މި ހަފްތާގައި އެ ޤައުމުގައި ކުރިއަށްގެންދާ ބައްދަލުވުންތަކުގެ މައިގަނޑު ޢަމާޒަކީ ތަރައްޤީވެފައިވާ އިޤްތިޞާދުތަކުން މާލީ ޕޮލިސީތަކަށް ގެންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރާލެއް ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުންކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން ހާމަކުރައްވައެވެ.