ކުޅިވަރު

ފިރިހެން ޓީމް މެޑަލްއަކަށް، އަންހެން ޓީމަކީ ސަޕްރައިޒިން ޓީމެއް


ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މިފަހަރު ތަފާތު ފެންނާނެކަމަށް ގައުމީ ބީޗް ވޮލީ ޓީމްގެ ކޯޗް ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފިއެވެ. ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ ފިރިހެން 2 ޕެއަރ އާއި އަންހެން 2 ޕެއަރއެވެ. މިޓީމް މިއަދު ހެދުނު ވަނީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާއަށް ފުރާފައެވެ. ލަންކާއަށް ފުރާފައިވާ ފިރިހެން ކުޅުންތެރިންނަކީ އިސްމާޢީލް ސާޖިދް، އާދަމް ނަސީމް، އަހުމަދު މުޙައްމަދު އަދި މުޙައްމަދު ޢަލީއެވެ. އަންހެން ޓީމުގައި ހިމެނޭ 4 ކުޅުންތެރިންނަކީ މަރިޔަމް އަޒްމާ، އައިޝަތު މާޖިދާ، އާމިނަތު ރުދެއިނާ އަދި ހައްވާ ނާޒިމާއެވެ.

މިމުބާރާތުގެ ފިރިހެންބައިގައި ވާދަކުރަނީ އިރާން، އުޖްބަކިސްތާން، ޕާކިސްތާން، ސްރީލަންކާ އަދި ރާއްޖެއެވެ. މިމުބާރާތައް ތައްޔާރުވުމަށް ގައުމީ ބީޗް ވޮލީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ބީޗް ވޮލީ ކޯޓްގައެވެ. ގައުމީ ބީޗް ވޮލީ ޓީމްގެ ކޯޗް ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނީ މިމުބާރާތައް ތައްޔާރުވުމަށް ކުރެވުނު ފަރުތަކުރުންތަކާމެދު ހިތްހަމަޖެހޭކަމަށާއި ނަމަވެސް އަދިވެސް ރަގަނޅު ކުރަންޖެހޭ ގިނަ ކަންތައްތައް އެބަހުރިކަމަށެވެ. މިއީ ބީޗް ކޯޗް ވިނީޝިއުސްއާއެކު ގައުމީ ބީޗް ޓީމް ބައިވެރިވާ ފުރަތަމަ ބައިނަލއަގްވާމީ މުބާރާތެވެ. ވިނީޝީއުސް ބުނީ ރާއްޖޭގެ ކުޅުންތެރިން ހުނަރު އެބަހުރިކަމަށާއި އަދި އެޓޭކްގައި ރާއްޖޭގެ ކުޅުންތެރިންގެ މަސައްކަތް ރަގަނޅު ނަމަވެސް، ބޯލް ކޮންޓްރޯލާއި ޑިފެންސްގައި ރާއްޖޭގެ ކުޅުންތެރިން މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ރާއްޖޭގެ ކުޅުންތެރިން އެޓޭކްތައް ރަގަނޅު. އަހަންނަށް ވަރަށް ފާހަގަކުރެވުނު ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެވެސް އެޓޭކްތައް ރަގަނޅު. ނަމަވެސް ބީޗް ވޮލީގައި ޑިފެންސާއި ބޯލް ކޮންޓްރޯލަކީވެސް ވަރަށް މުހިންމުކަމެއް. ހުރިހާކަމެއް އެއްވީމަ މޮޅުވެވޭނީ. މިހާރު މާލޭގައި މިކުރެވުނު ފަރިތަކުރުންތަކުގައި ވަރަށް ގިނަ ކަންތައްތައްވަނީ ރަގަނޅުކޮށްފަ. ފިރިހެން ޓީމް މެޑަލްއަކަށް އުއްމީދު ކުރާއިރު ގައުމީ އަންހެން ޓީމް ވާނީ ސަޕްރައިޒިން ޓީމަކަށް. ދެ ޓީމުން ވެސް ވަރަށް ރަގަނޅަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔަ." ގައުމީ ބީޗް ވޮލީ ކޯޗް ވިނީޝިއުސް ބުންޏެވެ.

ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިންއިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައިވެސް ކޯޗިންގެ މަސައްކަތް ކުރާ ފަރާތެކެވެ. ވިނީޝިއުސް ވަނީ ބްރެޒިލްގެ ގިނަ ކްލަބްތަކަށް އިންޑޯ ވޮލީ ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އިންޑޯ ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ އަދާކޮށްފައެވެ. އަދި ބީޗް ވޮލީބޯޅަ ހެޑް ކޯޗެއްގެ ގޮތުގައި ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައިވެސް އޭނާ މަސައްކަތް ކޮށްފައެވެ.