ރާއްޖެއަށް މިއަހަރު ފެށިގެންއައީ ކޯވިޑްގެ އިތުރު ރާޅެއްގެ ބިރުވެރިކަމާއެކުގައެވެ. މިބިރާއެކުގައިވެސް ދިރިއުޅުން ކުރިއަށް ގެންދަން އެންމެވެސް ތިބީ އަތުކުރި އޮޅާލައިގެންނެވެ. އެހެންކަމުން މިރާޅުގައި ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ކުރިމަތިލީ ހިތްވަރާއެކުގައެވެ. ބަލީގެ ބިރުވެރިކަން އަދިވެސް އެއްކޮށް ފިލައިނުދެއެވެ. ޢަދަދުތައް އަދިވެސް މަދެއް ނުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ޢާއްމުކުރި ތަފާސްހިސާބުގައިވެސް ހާހަކަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. ފަހުގެ ތަފާސްހިސާބުތަކުން މާލެ ސަރަޙައްދުން ބަލިޖެހޭ މީހުންގެ ޢަދަދު މަދުވާތަން ފެނުނުނަމަވެސް ކަންބޮޑުވުމަކީ އަތޮޅުތަކުން ޕޮޒިޓިވްވާ ކޭސްތައް އަދިވެސް މަތީގައި ހުރުމެވެ.
އެގޮތުން ޖެނުއަރީމަހުގެތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވާ ޢަދަދުތައްވަނީ ހާހުން މަތީގައި ހުރުމަށްފަހު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. އެހެންނަމަވެސް މިފެބްރުއަރީ މަހުގެ ތެރޭގައިވެސް އެވްރެޖްކޮށް އަތޮޅުތަކުން ޕޮޒިޓިވްވާ ޢަދަދުތައް ހުރީ ފަސްސަތޭކައާއި ހާހަކާ ދެމެދުގައެވެ. އެހެންކަމުން ބަލީގެ ނުރައްކާ އަތޮޅުތަކުގައި ކުޑައެއް ނުވެއެވެ.
ކޭސްތައް ފެންނަ ނިސްބަތް އަތޮޅުތަކުގައި އިތުރުވެފައިވާއިރު ބައެއް ސަރަޙައްދުތަކުގައި ޕޮޒިޓިވްވަމުންދާ ނިސްބަތް އިތުރުކަން ފާހަގަކުރެވެއެވެ.
އެގޮތުން މިވަގުތު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ އެއް ސަރަޙައްދަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި އެކަނިވެސް މިހާތަނަށް 6000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. މިވަގުތުވެސް ބަލިޖެހިފައިވާ 857 މީހުން އެސިޓީގައި އެބަތިއްބެވެ. އެވްރެޖްކޮށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ 100އިން މައްޗަށް އަރާފައެވެ. އައްޑޫގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ހިތަދުއާއި ފޭދުއާއި މަރަދޫ ފޭދޫގައެވެ. މިވަގުތު އެކަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެސިޓީގައި ފަރުވާދެމުންދާއިރު މިބަލީގެ އައްޑޫ ކޯވިޑް ފެސިލިޓީގައި އެކަނިވެސް 15 މީހަކުވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް ޕޮޒިޓިވް 344 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ށ.ފުނަދޫގައިވެސް މިބަލިޖެހިފައިވާ 299 މީހަކު އެބަތިއްބެވެ. ރ.އަލިފުށީގައި 70އަށްވުރެ ގިނަ މީހުނަށް ފަރުވާދެމުންދާއިރު ހދ.ނޮޅިވަރަންފަރުގައިވެސް 60އަށްވުރެ ގިނަ މީހުނނަށް އަންނަނީ ފަރުވާދެމުންނެވެ. މީގެއިތުރުންވެސް ކޭސްތައް ފެނުމާ ގުޅިގެން 26 ރަށެއް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ.
މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ކޭސްތައް ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހެއެވެ. ބަލީގެ އެއްވެސް ޢަލާމާތެއް ހުރި މީހެއްނަމަ އެކަހެރިވެ ހުރުމާއި ބޭރުތެރެއަށް ނުކުމެ އުޅުމުގައި ހުރިހާ އެންމެންވެސް މާސްކު އަޅައިގެން އުޅުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ޢާއްމު ސާފުތާހިރުކަމަށް ރައްކާތެރިވުމަކީ ބަލިން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތެވެ.