ޚަބަރު

22 އަހަރުތެރޭ ދެކުނު ކޮރެއާގައި އެންމެ ގިނަައިން ވަޒީފާ އިތުރުވީ މިދިޔަމަހު


ދެކުނު ކޮރެއާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށަށްގޮސް، އަލަށް ވަޒީފާއަށް ނުކުތް މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް އިތުރުވެފައިވާކަމަށް ޖަނަވަރީމަހުގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

ޖަނަވަރީމަހު ދެކުނު ކޮރެއާގައި އަންއެމްޕްލޯއިމަންޓް ރޭޓަށް އައި ބަދަލަށް ބަލާއިރު މޫސުމީ ބަދަލުތައް ނުހިމަނާ ވަޒީފާ ނެތް މީހުންގެ ނިޞްބަތް 3.6 އިންސައްތަ ދަށަށްގޮސްފައިވެއެވެ. އަލަށް ވަޒީފާތަކަށް ނިކުތް މީހުންގެ ޢަދަދު 1،135،000އަށް އަރައެވެ. މިއީ 2000ވަނަ އަހަރުގެ މާޗުމަހުން ފެށިގެން އެއް މަހެއްގައި އެންމެ ގިނަ ވަޒީފާ އުފެދުނު ފަހަރުކަމަށް ތަފާސްހިސާބު އެކުލަވާލާ މަރުކަޒުން ބުނެއެވެ. މިއާއެކު ޖަނަވަރީމަހު ދެކުނު ކޮރެއާގައި ވަޒީފާ އިތުރުވީ މިންވަރަކީ 22 އަހަރު ތެރޭގައި ރިކޯޑު މިންވަރެކެވެ.

ބުދަ ދުވަހު އެ ޤައުމުން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ވަޒީފާ އިތުރުވެފައިވަނީ ސިއްޙީ އަދި ސޯޝަލް ސާރވިސްގެ ދާއިރާއިންނެވެ. އެ ދާއިރާއިން 250،000 މަސައްކަތްތެރިން އިތުރުވެފައިވެއެވެ. މީގެ އިތުރުން ރެސްޓޯރަންޓް ވިޔަފާރިއާއި، އެކޮމޮޑޭޝަން ޚިދުމަތާއި، ދަތުރުފަތުރުކުރުމުގެ ދާއިރާގެ އިތުރުން މުދާ ރައްކާކުރާ ގުދަންތައް ހިމެނޭހެން 240،000 މީހުން އަލަށް ވަޒީފާ އަދާކުރަން ފަށާފައިވެއެވެ.

ދެކުނު ކޮރެއާގެ ވަޒީފާގެ ބާޒާރަށް ކުރިއެރުން ލިބިފައިމިވަނީ އެ ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ފިސްކަލް ބަޖެޓުން ޚަރަދުކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ޤައުމުގެ އަހަރީ ފިސްކަލް ބަޖެޓުގެ 70 އިންސައްތަ ޚަރަދުކުރުމަށް ނިންމާފައިވަނީ އިޤްތިޞާދު ކުރިއެރުވުމަށެވެ. އަދި ދައުލަތުގެ 3 ބައިކުޅަ 1 ބައި ޚަރަދު އެކަށައަޅާފައިވަނީ ވަޒީފާގެ ދާއިރާއާއި ޢާއްމު ފަރުންދުންގެ ލާބަ އިތުރުކުރުމަށެވެ.