ޚަބަރު

އަހަރުގެ މިހާތަނަށް 2 ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔަރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 201126 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 138912 ފަތުރުވެރިންނާ އަޅާބަލާއިރު، %44.8 އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު 131764 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިމަހުގެ 14ވަނަ ދުވަހާ ހަމައަށް 69362 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދާއިރު، ކޯވިޑް-19އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 12ވަނަ ދުވަހު ރާއްޖެއަށް ވަނީ 7668 ފަތުރުވެރިން އައިސްފައެވެ. މިއީ އާ ރެކޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %15.9އަކީ ރަޝިއާ ފަތުރުވެރިންނެވެ.
ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %11.5އަކީ އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އިންޑިއާއަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ %8.4އަކީ އިންޑިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4954 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.