ޚަބަރު

ރަޝިޔާއިން ބޭނުންވަނީ ދޮންބާސްގެ ޤަތުލުޢާއްމު ހުއްޓުވަން، ހަނގުރާމަކުރާކަށް ނޫން


ވިލާތުގައި ހަނގުރާމައެއް ފައްޓަވަން ބޭނުންފުޅުނުވާކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ޖަރުމަންވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒްސާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ޕުޓިން ވިދާޅުވީ ޔޫކްރެއިނުން ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކާ ދެކޮޅަށް އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގައި ހިންގަމުންދާ ޤަތުލުޢާއްމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި އެއީ މަޝްވަރާކޮށްގެން ޙައްލުކުރަން ޖެހޭ ކަމެއްކަމަށެވެ. ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅެނީ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނެވެ. އެ ސަރަޙައްދުތައް ޔޫކްރެއިނުގެ ދަށަށް ގޮސްފައިވަނީ 1991 އަހަރުގެ ތެރޭގައި ރޫސީވިލާތް ރޫޅުމުންނެވެ. ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ މީހުން ބޭނުންވަނީ ރަޝިޔާގެ ބާރުގެ ދަށަށް ބަދަލުވުމަށެވެ.

ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޕުޓިން ވިދާޅުވީ ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ އެތައް ހާސް ސިފައިންނަކާއި ބަރުހަތިޔާރެއް ފަހަތަށް ޖައްސަވަން ޢަމުރުކުރައްވާފައިވާނެކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުޞީލެއް ޕުޓިންނެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ އެ ނިންމެވުމުގެ ސަބަބުން ރަޝިޔާއިން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޖާގަ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ރަޝިޔާއިން ކުރިން ބުނެފައިވަނީ ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ތިބި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަނބުރައި ގެންދިޔުމަށާއި އެ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިންނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ނުލިބޭނަމަ އަސްކަރީ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާނެކަމަށެވެ. ނަމަވެސް އެއީ ނޭޓޯއާއި ވިލާތުގެ އިއްތިޙާދުން ބަލައިގަންނަ ޝަރުތަތަކެއް ނޫނެވެ.

ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ އެތައް ހާސް ސިފައިންނަކާއި ބަރުހަތިޔާރެއް ފަހަތަށް ޖައްސާފައިވާކަމަށް ރަޝިޔާއިން ބުނި ނަމަވެސް އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ފޮޓޯތަކަކުން ދައްކައި ގޮތުގައި އެ ސަރަޙައްދަށް ރަޝިޔާއިންވަނީ އިތުރު ސިފައިންނާއި ބަރުހަތިޔާރު ފޮނުވައިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޓޭންކަރާއި މިސައިލާއި އެނޫންވެސް ބަރުހަތިޔާރު ހިމެނެއެވެ. އޭގެ އިތުރުން ބަރުހަތިޔާރާއެކު ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ދަތުރުކުރަމުންދާ މަންޒަރު ފެންނަ ވީޑިޔޯތަކެއްވެސްވަނީ މީސްމީޑިޔާގައި ޢާއްމުވެފައެވެ. ނޭޓޯއިންވެސް ބުނެފައިވަނީ ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ ސިފައިންނަކާއި ބަރުހަތިޔާރު ރަޝިޔާއިން ފަހަތަށް ޖެއްސިކަން ޔަޤީންނުކުރެވޭކަމަށެވެ.

މޮސްކޯގައި ޕުޓިންނާއެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ޝޮލްޒްސް ވިދާޅުވީ ރަޝިޔާގެ ސިފައިންނަކާއި ބަރުހަތިޔާރު ފަހަތަށް ޖެއްސުމަށް ނިންމުމަކީ ރަގަޅު ނިޝާނެއްކަމަށެވެ. އަދި މަތީ ފަންތީގެ މަޝްވަރާތަކުން ރަޝިޔާއާއެކު އުފެދިފައިވާ މައްސަލައަށް ޙައްލެއް ގެނެވޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޝޮލްޒްސް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވިލާތުގައި ހަނގުރާމައެއް ނުފެށޭނެ ގޮތަކަށް ޢަމަލުކުރުމަކީ ވިލާތުގެ ޤައުމުތަކުގެ އިސްވެރިންގެ ޒިންމާއެކެވެ.

ދޮންބާސްގައި ޤަތުލުޢާއްމެއް ހިންގަމުންދާކަމަށް ޕުޓިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިންވަނީ އެ ސަރަޙައްދަކީ މިނިވަން ޤައުމެއްކަމަށް ބަލައިގަންނަން ޕުޓިންނަށް ލަފާއެރުވުމަށް ފާސްކޮށްފައެވެ. އެ ގޮތަށް ޕުޓިން ޢަމަލުކުރައްވައިފިނަމަ އެ ސަރަޙައްދު ސީދާ ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިވާނެއެވެ. އަދި އެ ނިންމުމުގެ ސަބަބުން ރަޝިޔާއާއި ޔޫކްރެއިންނާއި ނޭޓޯއާއި ވިލާތުގެ އިއްތިޙާދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ތަފާސްހިސާބުތަކުން ދޮންބާސްގައި ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކާއި ޔޫކްރެއިނުގެ އަސްކަރިއްޔާއާ ބަދަލުކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށްވަނީ 15،000އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ރަޝިޔާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުގެ ސަރަޙައްދީ އޮނގު ކައިރިއަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.