ޚަބަރު

ހިޖާބުގެ މައްސަލަ އިންޑިޔާގެ އެންމެ އާބާދީ ބޮޑު ސަރަޙައްދަށް ފެތުރިއްޖެ


އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއެޅި ދަރިވަރުން ވެއްދުން ދެކޮޅު ހެދުމުން އުފެދުނު މައްސަލަ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އުއްތަރު ޕުރަދޭޝަށް ފެތުރިއްޖެއެވެ.

204 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އުއްތަރު ޕުރަދޭޝްގެ ބައެއް މަދަރުސާތަކުގައި ކިޔަވައި ހިންދޫ ދަރިވަރުންވަނީ މުސްލިމު ދަރިވަރުން ހިޖާބުއެޅުން މަނާކުރުމަށް އެދި ޕެޓިޝަންތަކެއް ހުށަހަޅައިފައެވެ. ނަމަވެސް އެ ޕެޓިޝަންތަކަށް ޢަމަލުކުރާނެ ކަމެއް އަދި ސާފެއް ނުވެއެވެ. އުއްތަރު ޕުރަދޭޝްގެ ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ދިނީ ހެދުން އަޅައިގެން ޙާޒިރުވުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް އެފަދަ ހެދުމެއް ލައިގެން ކުލާސްތަކަކަށް ނުވަދެވެއެވެ. އެ ސުޓޭޓުގައި ބަލައިގޮތުންނަމަ ހިޖާބަކީ ދިނީ ހެދުމެކެވެ.

މައްސަލަ އެންމެ ފުރަތަމަ ފެށުނު ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ތިން ދުވަހަށް ބަންދުކުރި އެ ސުޓޭޓުގެ ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ ބައެއް މަރުކަޒުތައް އަލުން ހުޅުވަންވަނީ ފަށައިފައެވެ. ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. ނަމަވެސް ތިން ދުވަހަށްފަހު މުސްލިމު ދަރިވަރުންވަނީ ޔުނިފޯމާއި ހިޖާބު އަޅައިގެން މައްސަލަ އެންމެ ފުރަތަމަ ގޯސްވި އުޑޫޕީގެ މަދަރުސާތަކަށް ޙާޒިރުވެފައެވެ. އުޑޫޕީގެ ބައެއް މަދަރުސާތައް ހުޅުވި ނަމަވެސް މަތީ ގުރޭޑުތަކަށް އަދިވެސް ކިޔަވައިދޭކަށް ނުފަށައެވެ.

ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.

1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ %13 މީހުންނަކީ މުސްލިމުންނެވެ.