ކުޅިވަރު

ޔުނައިޓެޑުގެ ވިސްނުން ގަދަ ހަތަރަކަށް


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިހާރުގެ ހާލަތަށްބާލާއިރު ވިސްނަން ޖެހޭނީ ގަދަ ހަތަރަކާމެދު އެކަނި ކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ދެން އޮތް ހަތަރު ޓީމަށް ވުރެ އިތުރަށް މެޗު ކުޅެގެންނެވެ. މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން މޮޅުވެގެން ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުޞަތު އެބައޮތެވެ.

ލީގުގެ ހަތަރުވަނައިގައި ވެސްޓް ހޭމް ޔުނައިޓެޑަށް 25 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓާއެކުގައެވެ. ހަ ވަނައިގައި އޮތް އާސެނަލްއަށް 22 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 23 މެޗުން 37 ޕޮއިންޓް ލިބިފައެވެ. ޓޮޓެންހަމް އަށް ވަނައިގައި އޮތީ 22 މެޗުން 36 ޕޮއިންޓާއެކުގައެވެ. އަދި ނުވަ ވަނައިގައި އޮތް ބްރައިޓަން އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުުނު ތިން މެޗުގައި ވެސް ފުރަތަމަ ހާފުގައި ލީޑުނެގި ނަމަވެސް އެއްވެސް މެޗަކުން މޮޅެއް ނުލިބެއެވެ. މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އެކަން ރަނގަޅުކޮށް ގަދަ ހަތަރެއްގެ ރޭހުގައި ފައިހަރުކޮށްލޭވޭ ވަރުގެ ނަތީޖާއެއް ނެރެން ޔުނައިޓެޑުން ބޭނުންވެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ހެރީ މެގުއަރ 80 މިލިއަން ޕައުންޑަށް މީގެ ތިން ސީޒަން ކުރިން މެންޗެސްޓާ ޔުނައިޓެޑުން ގަތްނަމަވެސް އޭނާގެ ކުޅުން ދަށްވެ، ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ލެވަލްގައި ޖެހިޖެހިގެން ހަ މެޗު ގޯލެއް ނުޖެހި ނިމިފައިވާއިރު، ރަންގްނިކް ބުނީ ރޮނާލްޑޯގެ ކޮންފިޑެންސް އަދިވެސް ހުރީ ރަނގަޅު ލެވަލްގައި ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ރޮނާލްޑޯ ގޯލު ޖަހާނެ ކަމަށް އުންމީދުކުރާކަމަށް ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑާއި ބްރައިޓަން މިރޭ ވާދަކުރާއިރު މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1:15 ގައެވެ.