ޚަބަރު

އިންޑިއާގެ ލައިފް އިންޝުއަރެންސް ކުންފުނީގެ ހިއްސާ ވިއްކަނީ


އިންޑިއާގައި މިހާތަނަށް ހިއްސާ ވިއްކައިގެން ލިބޭނެ އެންމެ ބޮޑު އާމްދަނީ ހޯދުމަށް، އެ ޤައުމުގެ އިންޝުއަރެންސް ކުންފުންޏަކުން ތައްޔާރުވާން ފަށައިފިއެވެ.

އިންޑިއާ ސަރުކާރުން ހިންގާ ލައިފް އިންޝުއަރެންސް ކޯޕަރޭޝަނުގެ 5 އިންސައްތަ ހިއްސާ ވިއްކާލުމާއިގުޅޭ ލިޔެކިޔުންތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާއިރު، ހިއްސާ ވިއްކައިގެން 8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

ލައިފް އިންޝުއަރެންސް ކުންފުނި، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްޓަކައި ހިއްސާ ވިއްކުމަށް ނިންމާފައިވަނީ ނަރެންދުރަ މޯދީގެ ސަރުކާރުން މި ހިނގާ މާލީ އަހަރު ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުންކަމަށް އެ ޤައުމުގެ ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ތާރީޚުގައި ކުރިއަށްގެންދާ އެންމެ ބޮޑު އިނިޝިއަލް ޕަބްލިކް އޮފަރިންގ ނުވަތަ އައި.ޕީ.އޯ ގެދަށުން ވިއްކުމަށް ހަމަޖެހިފައިވަނީ 316.25 މިލިއަން ހިއްސާއެވެ. އޭގެއިން އާމްދަނީގެ ގޮތުގައި 600 ބިލިއަން ރުޕީސް އަށްވުރެ އިތުރަށް ނުވަތަ ޑޮލަރުން ބަލާނަމަ 7.97 ބިލިއަން ޑޮލަރު ލިބޭނެކަމަށް އައި.ޕީ.އޯ ގެ ލިޔެކިޔުންތަކުން ދައްކައެވެ. މި ލިޔެކިޔުންތަކުން ދައްކާގޮތުން ކުރިއަށްއޮތްތަނުގައި ކުންފުނީގެ ކޭޝްފްލޯ 5.39 ޓްރިލިއަން ރުޕީސް ނުވަތަ 71.56 ބިލިއަން ޑޮލަރަށް އިތުރުވާނެއެވެ.

1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި އިންޝުއަރެންސް ވިޔަފާރީގެ 64 އިންސައްތަ ހިއްސާކުރަނީ ދައުލަތުގެ ލައިފް އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުގައި ހުރި މުދަލުގެ އަގު 500 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ މުޅި އިންޑިއާގެ އުފެއްދުންތެރިކަމުގެ 16 އިންސައްތަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ މާޗުމަހު ލައިފް އިންޝުއަރެންސްގެ ހިއްސާ ވިއްކަން ފަށާނެކަމަށް ބެލެވޭއިރު، ހިއްސާއެއްގެ ހާމަކޮށްފައެއް ނުވެއެވެ. މި ދަނޑިވަޅަކީ އިންޑިއާގެ ބާޒާރުން ބޭރުގެ އިންވެސްޓަރުން ގިނަ ޢަދަދަކަށް ބޭރުވަމުންދާ ދުވަސްވަރެއްކަމުން މި އައި.ޕީ.އޯ ހުޅުވާލުމާއެކު އެ ޤައުމުގެ ބާޒާރަށް އިންވެސްޓަރުންގެ ޝަޢުޤު ހުރިމިންވަރު ދެނެގަނެވޭނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.