ކުޅިވަރު

ރެއާލްއާ ދެކޮޅަށް ނޭމާއަށް ކުޅެވޭއިރު ރާމޯސް ފިޓެއް ނޫން


ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ކުޅޭ މެޗަށް ޕީއެސްޖީގެ ނޭމާ ފިޓް ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ. ނަމަވެސް ރެއާލްއަށް ކުރިން ކުޅުނު ސާޖިއޯ ރާމޯސްއަށް އެޓީމާ ދެކޮޅަށް މިރޭ ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ.

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހު ނޭމާ މިހާރު އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ޓީމު ޓްރެއިނިންތަކުގައި ބައިވެރިވާން ނޭމާ ފަށާފައިވާއިރު ޕީއެސްޖީ މިރޭ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ އެގާރައިގައި އޭނާ ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ރެއާލް ދޫކޮށް މި ސީޒަނުގައި ޕީއެސްޖީއާ ގުޅުނު ރާމޯސް ހުރީ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. އެހެންކަމުން ރާމޯސް މިރޭގެ މެޗަށް ފިޓްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ރެއާލަށް 16 އަހަރު ވަންދެން ކުޅުނު ރާމޯސް މި ފަހަރު ޕީއެސްޖީއާ ގުޅުނު ފަހުން ކުޅެފައިވަނީ ފަސް މެޗެވެ. އެއީ ފްރެންޗް ލީގުގައި އޭނާ ކުޅުނު ހަތަރު މެޗާއި ޕްރެންޗް ކަޕްގައި އޭނާ ކުޅުނު އެއް މެޗެވެ. މި ފަސް މެޗުގައި ރާމޯސްއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ޓީމުން އެންމެ ބޭނުންވާ ތަށްޓަކީ ޗެމްޕިއަންސް ލީގުކަން އެއީ އެންމެންނަށް ފެންނަން އޮތް ހަގީގަތެއް ކަމަށާއި އޭނާ އެ ޓީމަށް ގެނެސް ހަވާލުކުރި އެންމެ ބޮޑު ޓާގެޓަކީ ވެސް އެއީ ކަމަށެވެ.

ޕީއެސްޖީ އާއި ރެއާލް ކުޅެން ޖެހިފައި މިވަނީ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ދެ ވަނަ ފަހަރަށް ބާއްވައިގެންނެވެ. ފުރަތަމަ ގުރުއަތުލުމުގައި ޕީއެސްޖީ ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. ނަމަވެސް، ދެ ވަނަ ފަހަރު ގުރުއަތުލުމުން ޕީއެސްޖީން ކުޅެން ޖެހުނީ ރެއާލާދެކޮޅަށެވެ.

މިހާތަނަށް ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ރެއާލް ތިން މެޗުން މޮޅުވިއިރު، ޕީއެސްޖީ އަށް ހަމައެކަނި ލިބުނު މޮޅަކީ 2019 ވަނަ އަހަރުގެ މުބާރާތުގައި ލިބުނު މޮޅެވެ. ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ދަންވަރު އެކެއް ޖަހާއިރުއެވެ.