ޚަބަރު

ދިވެހިން ޔޫކްރެއިނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި


ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ.

ދިވެހި ރައްޔިތުން ޔޫކްރެއިނަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވާއިރު، ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން އެދެއެވެ.

ދުނިޔޭގެ ސަމާލުކަން ޔޫކްރެއިންގެ މަޝްރަޙަށް ހުއްޓިފައި މިވަނީ އެޤައުމާއި ރަޝިޔާއާދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ. މިގޮތުން ޔޫކްރެއިނާއި ރަޝިޔާ ގުޅޭ ސަރަޙައްދީ ބޯޑަރު ކައިރިއަށް ރަޝިޔާގެ ސިފައިން ބަރުހަތިޔާރާއެކު ޖަމާވެފައިވާއިރު، ކޮންމެ ވަގުތަކުވެސް ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީފާނެކަމަށް އެމެރިކާއިން ބުނެއެވެ. އެހެންނަމަވެސް ހަމަލާ ދިނުމަށް ނުވިސްނާކަމަށާއި ސިފައިން އެސަރަޙައްދަށް ގޮސްފައިވަނީ ޔޫކްރެއިން ހަމަނުޖެހުމުގެ ތެރެއިން ރަޝިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް ރަޝިޔާއިން ވަނީ ބުނެފައިވެއެވެ.