ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ލިތުއޭނިޔާއަށް ޖަރުމަންވިލާތުން ސިފައިންނާއި ބަރުހަތިޔާރު ފޮނުވައިފިއެވެ.
ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގައި ހިމެނޭ ޖަރުމަންވިލާތުން ލިތުއޭނިޔާއަށް އެންމެ ފުރަތަމަ ފޮނުވާފައިވަނީ 70 ސިފައިންނެވެ. ނަމަވެސް އެ ޢަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި 360އަށް އިތުރުކުރާނެއެވެ. ލިތުއޭނިޔާގައި މަރުކަޒުވެފައިވާ ނޭޓޯގެ 1،100 ސިފައިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ޖަރުމަންވިލާތުގެ ސިފައިންނެވެ. އޭގެ އިތުރުން ބެލްޖިޔަމާއި ޗެކް ރިޕަބްލިކާއި ލަކްޒެންބާގާއި ނެދަލެންޑްސާއި ނޯވޭގެ ސިފައިންވެސް ލިތުއޭނިޔާގައި ޙަރަކާތްތެރިވާ ނޭޓޯގެ ފައުޖުތަކުގެ ތެރޭގައި ހިމެނެއެވެ.
2017ވަނަ އަހަރުން ފެށިގެން ރަޝިޔާއާ އިންވެގެން އޮންނަ ލިތުއޭނިޔާއާއި އެސްޓޯނިޔާއާއި ލެޓުވިޔާއާއި ޕޯލޭންޑުގައި ނޭޓޯގެ ސިފައިން ދާޢިމީ ގޮތެއްގައިވަނީ މަރުކަޒުކޮށްފައެވެ. އެ ގޮތުން އެ ޤައުމުގައި ނޭޓޯގެ 5،000 ސިފައިން ޙަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ޖަރުމަންވިލާތާއި އިނގިރޭސިވިލާތާއި އެމެރިކާއާއި ކެނެޑާގެ ސިފައިން ހިމެނެއެވެ.
ޖަރުމަންވިލާތުން ލިތުއޭނިޔާއަށް އިތުރު ސިފައިންނާއި ބަރުހަތިޔާރު ފޮނުވާފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ނޭޓޯއިން ބުނެފައިވަނިކޮށެވެ. ނޭޓޯއިންވަނީ ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ބުނެފައެވެ.