ޚަބަރު

"އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން އިންޑިއާގެ ބައެއް ޢިނާއަތްތައް ހުއްޓިދާނެ: ފައްޔާޟް


އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގާ ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބޭ އެހީތައް ނުހުޓުވޭނެކަމަށާއި، ނަމަވެސް ގާތް ގުޅުމުގެ ސަބަބުން ލިބޭ ބައެއް ޢިނާޔަތްތައް ނުލިބިދާނެކަމުގެ ކަންބޮޑުވުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ފާޅުކުރައްވައިފިއެވެ.

މިނިސްޓަރ މިކަންބޮޑުވުން ފާޅުކުރެއްވީ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް އެކި ގޮތްގޮތުން ލިބޭ އެހީތައް ހުއްޓުވުމަށް ހިންގާ ހަރަކާތެއްކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއާމެދު ޚާއްޞަ ގޮތްތަކެއް ބަހައްޓައިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވަރަށް ގާތް ޤައުމެއްކަމަށެވެ. އެގޮތުން އެޤައުމުން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރުން މަނާ ބައެއް ބާވަތް، ރާއްޖެއަށް ޚާއްޞަ ކޯޓައެއްގެ ދަށުން ދެމުން އަންނަކަމަށާ، ދިވެހިންގެ ކެއުން ބުއިމުގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ބިހާއި އަލުވި އަދި މުގުފަދަ ތަކެއްޗަކީ ފަސޭހަ އިންތިޒާމްތަކެއްގެ ދަށުން ކުރިއަށްއޮތް ތިން އަހަރަށް ރާއްޖެއަށް ދޫކޮށްފައިވާ ޚާއްޞަ ކޯޓައިން އެތެރެކުރާ ތަކެތިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ހިލައާއި ހިލަވެއްލިފަދަ ތަކެތިވެސް ރާއްޖެއަށް ދެނީ ޚާއްޞަ ހުއްދައިގެދަށުންކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ ކޯޓާތަކަށް އެޤައުމުން އިޙްތިރާމްކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތްނަމަވެސް އިންޑިއާއަކީ ރަނގަޅު ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ "އިންޑިއާ އައުޓް" ޙަރަކާތަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ހިންގާ ހަރަކާތެއް ގޮތުގައި ސިފަކުރައްވާފައެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެއާމެދު ބާއްވާ ޚާއްސަ ގުޅުމަށް އަސަރުކޮށް ރާއްޖެއަށް ޚާއްޞަކޮށްގެން ދޫކޮށްފައިވާ ކޯޓާތަކަށް އަސަރުކުރުކޮށް އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންޑިއާ ނޫން ޤައުމަކުން އެތަކެތި އެތެރެކޮށްފިނަމަ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ނެތް އެތަކެތި އުފެއްދުމުގެ ޤާބިލުކަމެއް. އެބަ މަސައްކަތް ކުރަން އެކި ކަހަލަ ކަންކަން މަގުފަހި ކުރަން. އެކަމަކު ބޭނުންވާ ވަރަށް އެކަން ކުރަން ކިހާދުވަހެއް ވާނެއެކޭ ބުނަން ނޭނގޭ. މިތަކެތި އެހެން ގައުމަކުން ގެންނަން އުޅެފިނަމަ އަތް ފޯރާފަށުގައި ނުހުރުމަކީ ގާތް ކަމެއް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެޤައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭކަމަށާ، ސިޔާސީ ބޭނުމެއްގައި ވަގުތީ ކަމެއްގެގޮތުގައި ނަމަވެސް އެފަދަ ކަމެއް ކުރުމަކީ ނުރައްކާ އޮތްކަމެއްކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ ކަންބޮޑުވުން މީގެ ކުރިންވެސް ސަރުކާރުން ފާޅުކުރައްވާފައިވެއެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މީގެކުރިން ވަނީ ހޯމް މިނިސްޓަރީއާއި ފުލުހުންވެސް މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ.