ޚަބަރު

އުޒުރެއް ދެއްކުމަށްފަހު ޔޫކްރެއިންނަށް ކުއްލި ޙަމަލާއެއް ދިނުން އެކަށީގެންވޭ


އުޒުރެއް ދެއްކުމަށްފަހު ރަޝިޔާއިން ޔޫކްރެއިންނަށް ކުއްލި ޙަމަލާއެއް ދިނުން އެކަށީގެންވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ކޮންމެ އިރަކުވެސް ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމަށާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގައި ހިމެނޭ ޤައުމުތަކުގެ ބިންތައް ދިފާޢުކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ. އެމެރިކާއިން އެހެން ބުނި ނަމަވެސް ޔޫކްރެއިންނަކީ ނޭޓޯގެ މެންބަރު ޤައުމެއް ނޫނެވެ. އަދި ރަޝިޔާގެ ޙަމަލާއަކުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ނޭޓޯގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުންކަމަށްވާނަމަ އެ ގޮތަށް ޢަމަލުކުރަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއްވެސް ޔޫކްރެއިނުންވަނީ ދީފައެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ މަޞްރަޙް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އަދިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމަށްކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ދެމެދު ތެލެފޯން މެދުވެރިކޮށް ކުރި މަޝްވަރާތައް ނިންމާލަން ޖެހުނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އެ މަޝްވަރާތަކުގައި ބައިޑަންވަނީ ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފިނަމަ ހުޅަނގުގެ ޤައުމުތަކުން ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެއިން ރަޝިޔާ ބާކީވެ އެ ޤައުމަށް ހީނުކުރާވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ފޮޓޯތަކަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ވަށައިގެން އޮންނަ ސަރަޙައްދުތަކަށް ރަޝީޔާއިންވަނީ ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ލަފާކުރައި ގޮތުގައި މި މަސް ނިމުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ވުޒާރާއިން ކުރިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިންވަނީ 100،000 ސިފައިން ބަރުހަތިޔާރާއެކު ފޮނުވައިފައެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ.

ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ވަޒަނާއި މިސައިލާއި މިސައިލުން ދިފާޢުކޮށްދޭ ނިޒާމު ހިމެނޭ ގޮތަށް އެ ޤައުމަށް 1،500 ޓަނުގެ ހަތިޔާރު ފާއިތުވި ދުވަސްތަކުގައި ލިބިފައިވާކަމަށެވެ. އެ ގޮތުން އޭގެ ތެރެއިން 180 ޓަނުގެ ހަތިޔާރު ފޯރުކޮށްދީފައިވަނީ އެމެރިކާއިންކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އޭގެ އިތުރުން ރަޝިޔާގެ ޙަމަލާއަކުން ދިފާޢުވުމަށް އެ ޤައުމުގެ އެތައް ހާސް ޢާއްމުންނެއްވެސްވަނީ ހަތިޔާރު ނަގައި ބައެއް އަސްކަރީ ތަމުރީނުތައް ފުރިހަމަކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި ހުޅަނގުގެ ޤައުމުތަކާއެކު ކޮށްފައިވާ މަޝްވަރާތަކުގައި ރަޝިޔާއިންވަނީ ޝަރުތުތަކެއް ކޮށްފައެވެ. އެ ގޮތުން އެ ޝަރުރުތަކުގެ ތެރޭގައި ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ތިބި ނޭޓޯގެ ފައުޖުތައް އަނބުރައި ގެންދިޔުމާއި އެ އިއްތިޙާދުގެ މެންބަރުކަން ޔޫކްރެއިންނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ދިނުން ހިމެނެއެވެ. ނަމަވެސް އެއީ ބައިޑަންގެ އިތުރުން ނޭޓޯއާއި ވިލާތުގެ އިއްތިޙާދުންވެސް ބަލައިގަންނަ ޝަރުތަތަކެއް ނޫނެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.