ޚަބަރު

ހިޖާބުގެ މައްސަލާގައި ކަރްނާޓަކާގައި ބަންދުކުރި ބައެއް މަދަރުސާތައް ހުޅުވައިފި


އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ތިން ދުވަހަށް ބަންދުކުރި އެ ސުޓޭޓުގެ ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ ބައެއް މަރުކަޒުތައް އަލުން ހުޅުވަން ފަށައިފައެވެ.

ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. އެއާއެކު ހިޖާބުއެޅި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ކުރަމުންދާ މުޒާހަރާތައްވަނީ މީސްމީޑިޔާގެ އެކި ވަޞީލަތްތަކަށާއި ބައިނަލްއަޤްވާމީ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެ މުޒާހަރާތައްވަނީ އިންޑިޔާގެ އެކި ސަރަޙައްދުތަކަށް ފެތުރި ފުޅާވެފައެވެ.

ތިން ދުވަހަށްފަހު މުސްލިމު ދަރިވަރުންވަނީ ޔުނިފޯމާއި ހިޖާބު އަޅައިގެން މައްސަލަ އެންމެ ފުރަތަމަ ގޯސްވި އުޑޫޕީގެ މަދަރުސާތަކަށް ޙާޒިރުވެފައެވެ. ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުންވަނީ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކާ 650 ފުޓޫ ކައިރީގައި ފަހަކަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އެއާއެކު ބެންގަލޫރާ 400 ކިލޯމީޓަރު ދުރުގައި އޮންނަ އުޑޫޕީގެ އަމަން ބެލެހެއްޓުމަށް ގިނަ ޢަދަދެއްގެ ފުލުހުންވަނީ ނެރެފައެވެ. އުޑޫޕީގެ ބައެއް މަދަރުސާތައް ހުޅުވި ނަމަވެސް މަތީ ގުރޭޑުތަކަށް އަދިވެސް ކިޔަވައިދޭކަށް ނުފަށައެވެ.

ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.

61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.

1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ %13 މީހުންނަކީ މުސްލިމުންނެވެ.