ކުޅިވަރު

ސެރީއޭ ތާވަލްގެ އެއްވަނަ އަށް އޭސީ މިލާން


އިޓާލިއަން ސެރީއާގައި އޭސީ މީލާނާއި ސަމްޕްޑޯރިއާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް މިލާން އަރައިފިއެވެ. މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައިދިނީ ޕޯޗުގަލްގެ ފޯވަޑް ރަފައެލް ލިއާއޮއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު މިލާނަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިހަމަލާތައް ވަނީ ސަމްޕްޑޯރިއާގެ ކީޕަރު ވްލަޑިމިރޯ ފަލްކޯން އާއި އެޓީމްގެ ޑިފެންސްއިން ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު މިލާން މިވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ކުރިން އެއްވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ލިބިފައިވަނީ 24 މެޗުން 54 ޕޮއިންޓެވެ. އަދި އިންޓަރއިން ނުކުޅެ އެއްމެޗް އޮތުމުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އިންޓަރއަށް އެބައޮތެވެ. މިމެޗުން ބަލިވުމުން ސެމްޕްޑޯރިއާ އުޅެނީ ތާވަލްގެ 16 ވަނައިގައެވެ.