ކުޅިވަރު

ޓޮޓްނަމްގެ މައްޗަށް ވުލްވްސް ކާމިޔާބު ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޕްޓަން ވޮންޑަރސް އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފިއެވެ. ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް ވުލްވްސް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕަރސްއިންނެވެ. ނަމަވެސް މިމެޗްގައި އެޓީމުން އުފެއްދި ހަމަލާތައްް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ވުލްވްސްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމުގެ ފޯވަޑް ރައުލް ހިމެނޭޒްއެވެ. އަދި ސްޕަރސްއަށް އެލަނޑުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް މެޗްގެ 18 ވަނަ މިނެޓްގައި ވުލްވްސްއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިއާންޑަރ ޑެންޑޮންކަރއެވެ. މިމެޗްގެ ދެވަނަ ހާފްގައި ސްޕަރސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނދެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ވުލްވްސްގެ ޑިފެންށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ވުލްވްސް މިހާރު ވަނީ 23 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވުމުން ސްޕަރސް މިވަނީ 22 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި މިއީ ލީގުގައި ސްޕަރސް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. ސްޕަރސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކޯޗްކޮށްދިން ޓީމެއް އެންމެފަހުން ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވަނީ އޭނާ އިޓާލިއަން ސެރީއާގެ އެޓަލާންޓާއަށް ކޯޗްކޮށްދިންއިރު 2009 ވަނަ އަހަރުއެވެ. މިނަތީޖާއާއެކު ސްޕަރސް ހަމައަކަށް އެޅުވުމަށްޓަކައި ކޮންޓެއަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.