ކުޅިވަރު

ލިވަޕޫލާއި މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 9 ޕޮއިންޓް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ބަރންލީ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައިއުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ލިވަޕޫލުން ކުޑަކޮށްފިއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް މިމެޗްގައި ބަރންލީއިންވެސްވަނީ ހިތްވަރު ގަދަ މޮޅު ކުޅުމެއް ދައްކާ ލިވަޕޫލަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށްފައެވެ. މިމެޗްގައި ލިވަޕޫލުން ލީޑު ނެގުމުގެ ކުރިން ބަރންލީއަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ބޭކާރު ވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ ފަބީނިއޯއެވެ. މިއީ އޭނާ އެންމެފަހުން ކުުޅުނު ހަތް މެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. މިމެޗްގައި ގިނަ ދުވަސް ތަކަކަށްފަހު ލިވަޕޫލްގެ ނުރައްކާތެރި ތިން ފޯވަޑުން ކަމަށްވާ ސާޑިއޯ މާނޭ އާއި މުހަންމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނޯވަނީ އެކުގައި ކުޅެފައެވެ. މިއީ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް މާނޭ އާއި ސަލާހް މީގެ މަހެއްހާ ދުވަސް ކުރިން ޓީމާ ދުރަށް ދިޔަފަހުން އެކުގާ ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މިމެޗްގައި މިތިން ކުޅުންތެރިންނަށްވެސްއެކުޅުންތެރިންގެ މޮޅު ކުޅުން ދައްކާލެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އުޅޭ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 9 ޕޮއިންޓަށް ކުޑަވެފައެވެ. އަދި އެޓީމް އެއްމެޗް ނުކުޅެ އޮތުމުން މިފަރަގު 6 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.

މިމެޗުން ބަލިވުމުން ބަރންލީ އުޅެނީ 21 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. ނަމަވެސް މިމެޗްގައި ބަރންލީގެ ކުޅުންތެރިން ދެއްކި ކުޅުމާއެކު އެޓީމަށް ކުރިއަށް ހުރި މެޗްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދިދާބެކަމަށް ދެކޭ ފަރާތަށްވެސް މަދެއް ނޫނެވެ.