ޚަބަރު

75 ރަށެއްގެ އެއްބަސްވުމަށް ބަދަލުގެނެސް، ރިސޯޓު ތަރައްޤީކުރަން 3 އަހަރު


ރިސޯޓް ހަދަން ދޫކޮށްފައިވާ 75 ރަށެއްގެ އެއްބަސްވުމަށް މިހާރު ގެނެސްފައިވާ ބަދަލާއެކު، ތިން އަހަރު ތެރޭގައި ރިސޯޓު ހަދާ ނުނިންމައިފިނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭނެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ މައުސޫމް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އައި ގޮތަކީ، ނުހެދި ހުރި ރަށްރަށުގެ ނުހެދި އޮތުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ ގޮތަށް ކަމަށެވެ. އަދި މިކަންކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

"ކުރިންވެސް ފާހަގަކޮށްފައިވާނެ، ނުހެދި ހުރި ހުރިހާ ރަށެއް އެގްރިމެންޓު ކުރާ ވާހަކަ، ސީދާ ތިން އަހަރުން، ހަދާ ނުނިންމައިފި ނަމަ އޮޓަމެޓިކުން އެގްރިމެންޓު ބާތިލްވާގޮތަށް ލިޔެވި، އެގޮތަށް އެއްބަސްވެ، އެގްރިމެންޓު ކުރެވެމުންދާ ވާހަަކަ"، މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ އާއްމުކޮށް ރާއްޖޭގައި ރިސޯޓެއް ހެދުމަށް ނަގަނީ 3 އަހަރުކަމަށެވެ. އަދި އެންމެ ބާރު ސްޕީޑުގައި ހަދާ ރިސޯޓުތައްވެސް ނިންމުމަށް ދޮޅު އަހަރު ނަގާ ކަމަށާއި، ދޮޅު އަހަރުތެރޭ ރިސޯޓު ހެދުމުގެ މަސައްކަތް ނުފެށޭ ނަމަ އަނެއް ދޮޅު އަހަރުތެރޭ މަސައްކަތް ނިމޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެގްރިމެންޓުގައި ސޮއިކުރުމަށްފަހު ދޮޅު އަހަރުތެރޭ ޕްރޮޖެކްޓު ފުލްކޮށް މޮބްލައިޒް ނުކުރަންޏާ ބަލާނީ އެ ރިސޯޓު 3 އަހަރުތެރޭ ނުނިންމޭނެ ކަމަށް، އަދި ރިސޯޓެއްގެ އެގްރިމެންޓު ބާތިލްކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭނެ"، ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު 75 ރިސޯޓަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ކުރިއަށް އޮތް 3 އަހަރުތެރޭ މިރަށްތައް ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށާއި، މަސައްކަތް ނުނިމޭ ރަށްތަކުގެ އެއްބަސްވުން ބާތިލް ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.