ޚަބަރު

އއ. އަތޮޅުގައި ފުނަ ހަރަކާތް ބާއްވަން މަޝްވަރާ ކުރަނީ


އަރިއަތޮޅު އުތުރުބުރި އަންނަ ފެބްރުއަރީ މަހުގެތެރޭގައި ފުނަ ހަރަކާތްތައް ކުރިޔަށް ނުގެންދެވިއްޖެނަމަ ދެން އެ އަތޮޅުގައި ފުނަ ހަރަކާތް ނުބާއްވަވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ މުނާސަބާގައި، ހޯމް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަވައިފައިވެއެވެ. އެގޮތުން މިނިވަން 50 ފުނަ ހަރަކާތުގެ ނަމުގައި، އަރިއަތޮޅު އުތުރުބުރިީ ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފުނަ ހަރަކާތް އަތޮޅު ފެންވަރުގައި ބާއްވަވާފައިވެއެވެ.ޕީއެސްއެމަށް މައުލޫމަތުދެއްވަމުން ހޯމް މިނިސްޓްރީގެ ނައިބް އަހުމަދު ސަލީމް ވިދާޅުވީ މިނިވަން 50 ގެ ފުނަ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވިފައިވާކަމަށެވެ. ސަލީމް ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގައި ފުނަ ހަރަކާތްތައް ބޭއްވުމުގެ މަޝްވަރާތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއަތޮޅުގެ މިހަރާކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ތޮއްޑޫގައިކަމަށެވެ. އެހެންކަމުން މިހަރަކާތް ބޭއްވުމަށް އެރަށު ކައުންސިލާއި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. މިނިވަން ފަންސާހާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިޔަށްގެންދިޔަ ފުނަ ހަރަކާތްތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން އެއްވަނައަށް ދިޔަ ހަރަކާތް ފާއިތުވި ޑިސެމްބަރު މަހު އިއުލާންކޮށްފައިވެއެވެ. ރާއްޖޭގެ 19 އަތޮޅެއްގައި 279 ފުނަ ހަރަކާތް ވަނީ ބާއްވާފައިވެއެވެ.