ކުޅިވަރު

މުބާރާތަށް ނިކުތީވެސް ޗެންޕިއަންކަން ހޯދަން - ނިމާ


މިފަހަރުގެ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އީގަލްސް ނިކުތީވެސް މުބާރާތުގެ ޗެންޕިއަންކަން ހޯދަންކަމަށް ކުލަބް އީގަލްސްގެ ކޯޗް އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ. އީގަލްސްއިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފ.އަތޮޅު ނިލަންދޫ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ސަސްއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ކުލަބް އީގަލްސްއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެކުލަބުން ވަނީ އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕް 4 ފަހަރު ކާމިޔާބުކޮށްފައެވެ. އީގަލްސްއިން ވަނީ 9 މުބާރާތް ކުޅެ 7 ފަހަރު ފައިނަލްގައި ވާދަކޮށްފައެވެ. މިފަހަހަރު ކުލަބް އީގަލްސްއިން ޔޫތު ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ފައިނަލް މެޗްއަށްފަހު ވާހަކަދައްކަމުން ކުލަބް އީގަލްސް ޔޫތު ޓީމްގެ ކޯޗް އަހުމަދު ނިމާދުބުނީ މިފަހަރުގެ މުބާރާތަށް ކުލަބް އީގަލްސްއިން ނިކުތީ މުބާރާތުގެ ތަށި ކާމިޔާބުކުރަންކަމަށާއި އެކަން ހާސިލްވުމުން ވަރަށް ބޮޑަށް އުފާވާކަމަށެވެ. މީގެ ކުރިން އެފްއޭއެމްއިން ޔޫތު ޗެންޕިއަންޝިޕް ކުރިއަށްގެންދަނީ 21 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް ފާއިތުވެގެންދިޔަ ދެ މުބާރާތް އެފްއޭއެމްއިން ކުރިއަށް ގެންދިޔައީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެންނެވެ. އެގޮތުން އެންމެ ފުރަތަމަ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ބޭއްވި މުބާރާތުގެ ޗެންޕިއަންކަން ކުލަބް އީގަލްސް ބަލިކޮށް ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް އަހުމަދު ނިމާދު (ނިމާ)ބުނީ ފައިނަލް މެޗަށް ނިކުތްއިރު، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޒައިން ޒަފަރު ހުރީ އަނިޔާގައިކަމަށާއި ނަމަވެސް އޭނާ ކުޅެން އެރުވީ މުބާރާތުގެ ތަށި އީގަލްސްއަށް މުހިންމުވުމުންކަމަށެވެ. ނިމާ ބުނީ ފައިނަލް މެޗް ކުޅޭ ތަނާއި ދަނޑު ބަދަލުވުމުން ކުޅުންތެރިނަށް ކުޅެން އުނދަގޫވިކަމަށާއި ޚާއްސަކޮށް ގަލޮޅު ދަނޑުގެ ވިނައިގައި ކުޅެފައި އާ ޓާފަކަށް އެރުމުން ކުޅުންތެރިންނަށް އެކުޅުންތެރިން ބޭނުންވި ގޭމް ނުކުޅެވުނުކަމަށެވެ. އަދި ފައިނަލް މެޗަކަށް ވުމުން ފައިނަލް މެޗްގެ ޕްރެޝަރު ކުޅުންތެރިންނަށް އޮތްކަމަށްވެސް ނިމާ ބުންޏެވެ.

ކުލަބް އީގަލްސްއިން ޔޫތު ޗެންޕިއަންޝިޕްގެ ފަސް ތަށި ހޯދާފައިވާއިރު، މިފަސްތަށީގައިވެސް ކޯޗް ނިމާގެ ހިއްސާ ވަރަށް ބޮޑެވެ. ސީނިއަރ ޓީމު ގައިވެސް މަސައްކަތް ކުރާ ނިމާއަކީ އަބަދުވެސް ޔޫތު ޗެންޕިއަންޝިޕްގައި ކުލަބް އީގަލްސްގެ ގޮވައިގެން ނިކުންނަ އެންމެ މުހިންމު ކޯޗެވެ. ނިމާ ބުނީ އެންމެ ހިތްހަމަޖެހޭކަމަކީ ކުލަބަ އީގަލްސްގެ ޔޫތު ޓީމުން ވިދާލި ކުޅުންތެރިން މިހާރު ސީނިއަރ ޓީމްގައިވެސް މޮޅަށް ކުޅެމުންދާކަމަށާއި ގައުމީ ޓީމްގައިވެސް އީގަލްސް ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ.