ޚަބަރު

ކާރު ރޭހުގައި އިންސާނުންނަށްވުރެ ކުރީގައި އާޓިފިޝަލް އިންޓެލިޖެންސް އެޖެންޓެއް


ކާރު ރޭސިންގައި މަޝްހޫރު ގްރޭން ޓުރިސްމޯ ގޭމަށް ޚާއްޞަކޮށްގެން ސޮނީއިން ތައްޔާރުކުރި އާޓިފިޝަލް އިންޓެލިޖެންސް އެޖެންޓް، އެގޭމުގައި އިންސާނުންނަށްވުރެ ކުރި ހޯދަމުން އަންނަކަމަށް ސޮނީއިން ބުނެފިއެވެ.

ގްރޭން ޓުރިސްމޯއަކީ 1997 ވަނަ އަހަރު ނެރެން ފެށި ސިމިއުލޭޝަން ރޭސިންގް ގޭމް ސީރީޒެކެވެ. ޕްލޭ ސްޓޭޝަން މެދުވެރިކޮށް ކުޅޭ މި ގޭމުގައި ބައިވެރިކުރުމަށް ސޮނީއިން އުފެއްދި "ސުޕަރ ހިއުމަން" އެޖެންޓަށް ކިޔާ ނަމަކީ "ގްރޭން ޓުރިސްމޯ ސޯފީ" އެވެ.

ސޮނީއިން ހާމަކޮށްފައިވާ ގޮތުން ސޯފީ މިވަނީ މި ގޭމުގައި ދުނިޔޭގެ އެންމެ މޮޅެތި ޑްރައިވަރުންނާއި ވާދަކޮށް، އެ ކުޅުންތެރިން ފަހަތައް ޖައްސާލާފައެވެ. މިއީ އަސްލާއި އެއްގޮތް ގޭމެއްގައި މިހާ ކުރިއަށް އާޓިފިޝަލް އިންޓެލިޖެންސްގެ ޓެކްނޮލޮޖީ މެދުވެރިކޮށް ދެވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ސޮނީގެ މި ކާމިޔާބީ ފާހަގަކޮށްފައިވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދުނު އިންޤިލާބީ ކުރިއެރުމެއްގެ ގޮތުގައެވެ.

ގްރޭން ޓުރިސްމޯ ސޯފީ އުފައްދާފައިވަނީ ސޮނީގެ އާޓިފިޝަލް އިންޓެލިޖެންސް ދިރާސާކުރާ ޖަމުޢިއްޔާއާއި، މި ގޭމު ފަރުމާކުރާ ސްޓޫޑިއޯ "ޕޮލިފަނީ ޑިޖިޓަލް"ގެ އިތުރުން، ޕްލޭ ސްޓޭޝަން އުފައްދާ ސޮނީ އިންޓަރެކްޓިވް އެންޓަރޓެއިންމެންޓް ކުންފުނި ގުޅިގެންނެވެ.

ސޮނީއިން ހާމަކޮށްފައިވާގޮތުން ރޭސްތަކަށް ސޯފީ ތައްޔާރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރުމާއެކު، ގޭމާއި އެއްކަހަލަ މާޙައުލެއް ބިނާކޮށް، ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވެއެވެ. މި ޓެކްނޮލޮޖީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތް އަދި ސޮނީގެ އާޓިފިޝަލް އިންޓެލިޖެންސް ޑިރެކްޓަރ ޕީޓަރ ވުރްމޭން ވިދާޅުވީ، ސޯފީ މިހާ މޮޅަށް ޓްރެއިން ކުރުމަށްޓަކައި 10 ދުވަހާއި 12 ދުވަހާއި ދެމެދުގެ މުއްދަތަކަށް 20 ޕްލޭއި ސްޓޭޝަން އެއްފަހަރާ ޖައްސައިގެން ބޭނުންކުރި ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ އެޖެންޓަކަށް ޗެސް ފަދަ ގޭމެއްގައި އިންސާނުން ބަލިކޮށްލެވުނު ނަމަވެސް ރޭސް ކާރު ދުއްވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުއްވުމުގައި ވަގުތުން ވަގުތައް ނިންމަންޖެހޭ ނިންމުންތައް ގިނަވުން ކަމަށެވެ.

މި އެޖެންޓް އެންމެ ފުރަތަމަ ރޭސް ޖަހާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު، އެ ގޭމުގައި ދުނިޔޭގެ އެންމެ މޮޅު 4 ޑްރައިވަރުންނާ އެކުގައެވެ. އެ ރޭހުން ގިނަ ކަންތައްތަކެއް ދަސްކުރުމަށްފަހު އޮކްޓޯބަރުގައި ބޭއްވި ރޭހުން، އަޞްލު ޑްރައިވަރުންނަށްވުރެ ކުރީގައި އޮތީ އާޓިފިޝަލް އިންޓެލިޖެންސް އެޖެންޓެވެ. ސޯފީ މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސް ޓެސްޓުކުރުމަށް ޖުމްލަ 3 ރޭހެއް ބާއްވާފައިވާއިރު، ކޮންމެ ބުރެއްގައި އެކި ވައްތަރުގެ 4 ކާރުގައި ސޯފީ ރަމްޒުކޮށްދިނުމަށް 4 ޑްރައިވަރަކު ބައިވެރިވެފައިވެއެވެ. ސޯފީގެ އުފެއްދުންތެރިން ގުޅިގެން މި ޓެކްނޮލޮޖީގެ ފެންވަރު ބެލުމަށްޓަކައި "ރޭސް ޓުގެދަރ" ގެ ނަމުގައި ބޭއްވި ރޭސިންގް މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ޓޯކިޔޯގައި ހުންނަ ޕޮލިފަނީ ޑިޖިޓަލްގެ ސްޓޫޑިއޯގައެވެ.

މި ގޭމުން ލިބުނު މަޢުލޫމާތުގެ އެހީގައި ޕްލޭ ސްޓޭޝަންގެ އެހެން ގޭމުތަކަށް އާޓިފިޝަލް އިންޓެލިޖެންސް ތައްޔާރުކުރުމަށާއި، އެ ގޭމުތަކުގައި ދިމާވާ އުނދަގޫތަކުން އަރައިގަންނާނެގޮތް ތަޖުރިބާކުރުމަށް ސޮނީއިން މިހާރު ބޭނުންވެއެވެ. ސޮނީގެ އިތުރުން މި ދާއިރާގައި ވާދަވެރި މައިކްރޮސޮފްޓް ކުންފުނިންވެސް ދަނީ އާޓިފިޝަލް އިންޓެލިޖެންސް ވަރުގަދަ ކުރުމަށްޓަކައި އެކި ގޭމުތަކުގެ އެހީގައި ތަޖުރިބާ ހޯދަމުންނެވެ. މި މަސައްކަތުގެ ތެރެއިން ދާދި ފަހުން މައިކްރޮސޮފްޓުން ވަނީ 69 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އެމެރިކާގެ ގޭމު އުފައްދާ "އެކްޓިވިޝަން" ކުންފުނި ގަނެފައެވެ.