ވިޔަފާރި

ފަތުރުވެރިކަމުގެ އައު ރެކޯޑެއް، ދުވާލަކަށް 7600 ހުރަސްކޮށްފި


ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ. ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 12ވަނަ ދުވަހު ރާއްޖެއަށް ވަނީ 7600 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިމަހުގެ 12ވަނަ ދުވަހު ރާއްޖެއަށް 7668 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. މިއީ ކޯވިޑަށްފަހު އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް މިހާގިނަ ފަތުރުވެރިން އައި ފުރަތަމަ ދުވަހެވެ. މީގެކުރުން އެއްދުވަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ގޮތުގައި އޮތީ މިދިޔަ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހެވެ. އެދުވަހު ރާއްޖެއަށް 7098 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 189734 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 46.4 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 16.2 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ. 11.3 އިންސައްތަ އާއި އެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިނގިރޭސިވިލާތުންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4812 ފަތުރުވެރިން އަންނަ އިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.