ކުޅިވަރު

ފީފާ ކްލަބް ވާރލްޑް ކަޕްގެ ޗެމްޕިއަންކަން ޗެލްސީއަށް


ފީފާ ކްލަބް ވާރލްޑް ކަޕްގެ ޗެމްޕިއަންކަން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ ހޯދީ ރޭ ކުޅުނު ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލްމެއިރާސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ޗެލްސީ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ކާމިޔާބުކުރި ލަނޑަކާއެކު 2 ލަނޑު އެއްލަނޑުންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޗެލްސީއިންނެވެ. ނަމަވެސް މެޗް ޑޮމިނޭޓް ކުރި ނަމަވެސް ފުރުސަތު ތަނަވަސް ކުރުމުގައި ދިޔައީ މާބޮޑު ކުރިއެރުންތަކެއް ނުހޯދިއެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ދެތީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. ނަމަވެސް ޗެލްސީއަށް މިލީޑު ދެމެހެއްޓޭވަރުވީ ނުވަ މިނެޓް ވަންދެނެވެ. މެޗްގެ 64 ވަނަ މިނެޓްގައި ޕަލްމެއިރާސްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ރަފައެލް ވެއިގާ ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ.

މިނަތީޖާގައި އޮވެގެން ފުރިހަމަ ވަގުތު ހަމަވުމާއެކު ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެހާފް ކުޅުނެވެ. މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗްގެ 117 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ލަނޑު ޖަހައިދިން ކައި ހަވާޓްޒްއެވެ.

މިކާމިޔާބީއާއެކު ޗެލްސިއަށް މިވަނީ ކްލަބް ވާރލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާފައެވެ. މެޗަށްފަހު ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް މި ތަށި ޑެޑިކޭޓް ކުރީ ޗެލްސީގެ އޯނަރު ރޯމަން އަބްރަހަމޮވިޗަށެވެ. އޭނާ ބުނީ މިކާމިޔާބީއަކީ ކްލަބްގެ ވެރިޔާ ކްލަބަށް ދޭ މުހިއްމުކަން ދައްކުވައިދޭ ކަމެއް ކަމަށާއި އަދި އެހެން ކަމުން މިތަށި އޭނާއަށް ހައްގުވާކަމަށެވެ.