ޚަބަރު

ސެމްސަންގް އެސް 22 ސީރީޒް ބާޒާރަށް ނެރެފި


ސެމްސަންގް އިލެކްޓްރޯނިކްސް އިން މިދިޔަ ހަފްތާގައި ގެލެކްސީ އެސް ސީރީޒްގެ އައު ސްމާޓް ފޯނުތަކެއް ބާޒާރަށް ނެރެފިއެވެ. މިފަހަރުގެ އުފެއްދުމަކީ އެ ކުންފުނީގެ އެސް 22 ސީރީޒްއެވެ.

ސެމްސަންގްގެ އެންމެ ފަހުގެ އަދި އެންމެ ކޮލެޓީ ކަމަށް އެ ކުންފުނިން ބުނާ އެސް 22 ސީރީޒް މިފަހަރު ޚާއްޞަ ކޮށްފައިވަނީ މޮޅު ކޮލިޓީއެއްގައި ފޮޓޯ އާއި ވީޑިއޯ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އައު ސްމާޓް ފޯނުތަކުގައި ހަލުވި ޕްރޮސެސަރ ޗިޕަކާއެކު މޮޅު ކެމެރާއެއް ހިމެނޭނެކަމަށް ސެމްސަންގްއިން ބުނެއެވެ.

އެސް 22 ސީރީޒްގެ ކެމެރާއަށް އިތުރުކޮށްފައިވާ ފަންކްޝަން ތަކުގެ ތެރޭގައި ފަނޑު އަލީގައި ފޮޓޯ އިތުރަށް ސާފުކޮށްދިނުމާއި، ނައިޓް މޯޑުގައި ނަގާ ފޮޓޯތައް އިތުރަށް ރީތިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ކެމެރާގެ އޮޓޮމެޓިކް ފްރޭމިންގް ފަންކްޝަން އިން އެއްފަހަރާ 10 މީހުން ޓްރެކް ކުރެވޭނެ ކަމަށާއި، އެ އެންމެންވެސް ފްރޭމް ތެރެއަށްލައި، ފޯކަސް ކުރާނެ ކަމަށް ސެމްސަންގްއިން ބުނެއެވެ.

މި ސީރީޒްގެ ދަށުން 3 މޮޑެލްއެއް ނެރެފައިވާއިރު، ސީރީޒްގެ އެންމެ އަގުބޮޑު ވައްތަރަކީ އެސް 22 އަލްޓްރާ އެވެ. މި ފޯނުގައި ސްޓައިލަސް ނުވަތަ ގަލަމެއް ހިމަނާފައިވެއެވެ. އެމެރިކާގައި މި ފޯނުތައް ވިއްކާ އަގުތައް ހުރީ 800 ޑޮލަރާއި 1200 ޑޮލަރާއި ދެމެދުގައެވެ.

އެނަލިސްޓުން ލަފާކުރަނީ 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ސެމްސަންގް އެސް 22 ސީރީޒްގެ 15،000 އުފެއްދުން ވިކޭނެކަމަށެވެ. އަދި މި މުއްދަތުގައި ވިޔަފާރި ރަނގަޅުނަމަ މި އަހަރު ޖުމްލަ 30،000 ޔުނިޓް ވިކޭނެކަމަށް ލަފާކޮށްފައިވެއެވެ.

ބާޒާރުގައި ސެމްސަންގް ގެ އައު ސްމާޓްފޯން ސީރީޒަށް އެންމެ ބޮޑު ވާދަވެރިކަމެއް ކުރިމަތިކުރުވާނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނަމުންދާ އުފެއްދުމަކީ ވާދަވެރި އެޕަލް ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުނު އައިފޯން 13 އެވެ. ޕެންޑަމިކާއި ގުޅިގެން ސެމްސަންގްގެ ވިޔަފާރި ދަށަށް ދިޔައިރުވެސް ވާދަވެރި އެޕަލް ކުންފުނިން ދިޔައީ ފައިދާ ހޯދަމުންނެވެ.

ޕެންޑަމިކްގެ ކުރީގެ ޙާލަތަށް ބަލާއިރު ސެމްސަންގް އިން އަހަރެއްގެ މައްޗަށް 30 މިލިއަން ސްމާޓް ފޯނު ވިއްކި ނަމަވެސް 2020 ވަނަ އަހަރު ވިކިފައިވަނީ 25 މިލިއަނަށްވުރެ މަދުންނެވެ. 2021 ވަނަ އަހަރު ފޯނު ވިކުނު ޢަދަދުވެސް 30 މިލިއަނަށްވުރެ މަދެވެ. އެހެންކަމުން ވިޔަފާރި ރަނގަޅުކުރުމަށްޓަކައި ސަމްސަންގް އިން މިހާރު ޢަމަލުކުރުމަށް ނިންމާފައިވާ އުޞޫލަކީ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެސް ސީރީޒްގެ އެންމެ މޮޅެތި އުފެއްދުންތައް ވިއްކުމަށްފަހު، އަހަރުގެ ފަހުބައިގައި ޒީ ސީރީޒްގެ (ހުޅުވައި ލެއްޕޭ) ފޯނުތައް ވިއްކުމެވެ.

ސެމްސަންގްއިން އަލަށް ނެރުނު އެސް 22 އާއި، އެސް 22 ޕްލަސް އަދި އެސް 22 އަލްޓްރާ، ފެބްރުއަރީ 25 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކަން ފަށާނެކަމަށް ސެމްސަންގްއިން ބުނެއެވެ.