ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށް ބަދަލު ގެނެސްފި


އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ވިދާޅުވީ ތެލުގެއަގު ބޮޑުކޮށްފައިވަނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދިއުމާ ގުޅިގެން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އުފުލިފައިވާތީކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04 ރުފިޔާއަށްކަމަށެވެ.

ޖަނަވަރީ 21ވަނަ ދުވަހުވެސް އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެއިރު ބޮޑުކުރީ ޕެޓްރޯލް ލީޓަރެއް 12.06 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާއަށެވެ. އެހެންކަމުން މިފަހަރު އަގު ބޮޑުކުރުމާއިއެކު ޕެޓްރޯލް ލީޓަރަކުން 0.98 ލާރި އަދި ޑީސަލް ލީޓަރަކުން 0.60 ލާރި ވަނީ ބޮޑުވެފައެވެ.