ބްރެޒިލްގެ ޖޫނިއަރ ގައުމީ ވޮލީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖްރިބާކާރު ކޯޗެއްކަމަށްވާ ސާޖިއޯ ވެލޯސޯ ރާއްޖޭގެ ގައުމީ ސީނިއަރ ވޮލީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސައިފިއެވެ. ގައުމީ ޓީމްގެ ހެޑް ކޯޗަކަށް ސާޖިއޯ ވެލޯސޯ ހަމަޖައްސާފައިވާއިރު، އޭނާވަނީ ބްރެޒިލް، އެމެރިކާ އަދި ބަޙްރެއިންގައި ވެސް ކާމިޔާބީތަކެއް ހޯދާފައެވެ.
ގައުމީ ފިރިހެން ވޮލީ ޓީމް ވަނީ ދާދިފަހުން ބަންގްލަދޭޝާއެކު އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. އެމެޗްތަކުގެ ކުރިން ގައުމީ ޓީމަށް ބޭރު ކޯޗެއް ހަމަޖައްސާނެކަމަށް ބެލެވުނު ނަމަވެސް، ފަހުން މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުން ވަނީ ބަންގްލަދޭޝް ތިން މެޗްގައިވެސް ރާއްޖެއަށް އިރުޝާދު ދޭނީ ކޯޗް މުޙައްމަދު ސާޖިދުކަމަށް ބުނެފައެވެ.
2019ވަނަ އަހަރު ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ވަނީ ސާބިޔާގެ ކޯޗެއްކަމަށްވާ މިލޮރަޑް ކިޔާޗް ކޯޗުކޮށްދީފައެވެ. ގައުމީ ޓީމަށް ތަޖްރިބާކާރު ކޯޗެއް ހަމަޖައްސާފައިވަނީ އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއެކުއެވެ. އަދި މިކަމުގައި ޔޫތު މިނިސްޓްރީއިން ވެސް ވީއޭއެމްއަށް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ ތަޖްރިބާކާރު އަދި ވޮލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ގައުމީ ސީނިއަރ ވޮލީ ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންކަމަށާއި މިހާރު އޭނާގެ ވިސާގެ ކަންތައްތައް ވެސް ހަމަޖެހިފައިވާކަމަށެވެ.
އެފްއައިވީބީގެ އެހީތެރިކަމާއެކު ގައުމީ ބީޗް ވޮލީ ޓީމަށް ވެސް ވަނީ ބްރެޒިލްގެ މަޝްހޫރު ކޯޗެއްކަމަށްވާ ވިނީޝިއުސް މާޓިން ހަމަޖައްސާފައެވެ. ބްރެޒިލްގެ ސާޖިއޯ ވެލޯސޯވަނީ 2020ވަނަ އަހަރު ބަޙްރެއިން ގައުމީ ވޯލީ ޓީމާއި ހަވާލްވެފައެވެ. އުމުރުން 54 އަހަރުގެ ސާޖިއޯ ވެލޯސޯ ވަނީ ބްރެޒިލްގެ މިނިއާސް ޓެނިސް ކްލަބަށް ގިނާ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އަދި އޭނާ ވަނީ އެކުލަބުގެ އެކި އުމުރުފުރާގެ ޓީމްތަކަށް ކޯޗްކޮށްދީފައެވެ.
ބްރެޒިލްގެ ތަޖްރިބާކާރު ކޯޗް ސާޖިއޯ ވެލޯސޯއަކީ ގައުމީ ފިރިހެން ވޮލީ ޓީމަށް އިރުޝާދުދޭ ބިދޭސީ 4ވަނަ ކޯޗެވެ. މީގެ ކުރިން ގައުމީ ވޮލީ ޓީމަށް ކޯޗްކޮށްދީފައިވާ ބިދޭސީ ކޯޗުންނަކީ ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ސްރީލަންކާގެ ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން އަދި ސާބިއާގެ މަޝްހޫރު ކޯޗު، މިލޮރަޑް ކިޔާޗެވެ.
ޤައުމީ ސީނިއަރ ވޮލީ ޓީމަށާއި ގައުމީ ސީނިއަރ ބީޗް ވޮލީ ޓީމަށް ތަޖްރިބާކާރު ކޯޗުން ހަމަޖެހިގެން މިދިޔައީ މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެން ކުރެއްވި މަޝްވަރާތަކުންނެވެ.