ޚަބަރު

ބ.ކަމަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަހަރު މެދުތެރޭ ނިންމާލެވޭނެ


ބ.ކަމަދޫ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް މިއަހަރު މެދެއްހާ ހިސާބަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ. ޝާޙް މިހެން ވިދާޅުވީ ބ. އަތޮޅާ ރ އަތޮޅުގައި އެކުންފުނިން ހިންގާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބ.ކަމަދޫ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ބ.ކަމަދޫ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތް މި ފެށޭ މަސްތެރޭ ނިންމާލެވޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ނިމުމުން ފެންހޮޅީގެ މަސައްކަތް ފަށާ މަހެއްހާ ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ. ޝާހް ވިދާޅުވީ ފެންހޮޅި އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް މިހާރު ލިބިފައިވާ ކަމަށާއި އެކުންފުނިން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް މާލެއެކޭ އެއްފެންވަރަކަށް މަސައްކަތް ކުރުމަށެވެ.

ބ.ކަމަދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 120 ގެއަކަށް ފެން ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ފެން ރައްކާކުރުމަށް 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓައި ވާރޭފެން ރައްކާކުރުމަށް 520 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ކަމަދޫގައި ޤާއިމްކުރާނެއެވެ. އެރަށުގައި އާރުއޯ ބިލްޑިންގް އިމާރާތް ކުރުުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ހަސަން ޝާޙް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ.އަތޮޅުގެ 5 ރަށެއްގައި އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ މިމަސައްކަތް ކުރަމުންނެވެ. ކަމަދޫގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ބ.އަތޮޅުގައި ގާއިމް ކުރާ ރަށްތަކަކީ ގޮއިދޫ އާއި މާޅޮސް އާއި ކެންދޫ އާއި ދަރަވަންދޫއެވެ. މީގެ ތެރެއިން ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާ މިހާރުވަނީ ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. މާޅޮހުގައި ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، ކެންދޫ އާރުއޯބިލްޑިންގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. އެރަށުގައި މާދަމާ ފެންހޮޅި އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަ ހަސަން ޝާޙް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރުވެސް 31 ރަށެއްގައި މިމަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ ގާތްގަޑަކަށް 2 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނީ މިއަހަރު ނިންމުމަށް ކަނޑައަޅާފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް މުއްދަތަށް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ތެރޭގައިވަނީ އއ.ރަސްދޫއާއި ޅ.ކުރެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައެވެ. މިމަސައްކަތްތައްވެސް ނިންމާފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އޮތް ބޮޑު ގޮންޖެހުމާއެކުކަން އެކުންފުނިންވަނީ ފާހަގަކޮށްފައެވެ.