މިދިޔަ އަހަރު ގްރީން ފަންޑުން 639 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީން ފަންޑަށް މިދިޔަ އަހަރު ވަނީ 802 މިލިއަން ރުފިޔާ ޖަމާވެފައެވެ. މަހުން މަހަށް ބަލާއިރު، ގްރީން ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާވެފައިވަނީ މާރޗުމަހުގައާއި ޑިސެމްބަރުމަހުގައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މާރޗުމަހު ގްރީން ފަންޑަށް 93.4 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، ޑިސެމްބަރުމަހު ގްރީން ފަންޑަށްވަނީ 94.4 މިލިއަން ރުފިޔާ ޖަމާވެފައެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
މިދިޔަ އަހަރުތެރޭ ގްރީން ފަންޑުން 639 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ގްރީން ފަންޑުން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުއެވެ. ޑިސެމްބަރުމަހު 66 މަޝްރޫޢަކަށް ގްރީން ފަންޑުންވަނީ 226.5 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ޚަރަދުކޮށްފައިވާ މަޝްރޫޢުތަކުގެތެރޭގައި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ޑިސެމްބަރުމަހު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ފެސިލިޓީއެއް ތަރައްޤީކުުރުމަށެވެ. އެމަޝްރޫޢަށް ޑިސެމްބަރުމަހު ވަނީ 140.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ ގްރޭޓަރ މާލެ އެންވާރަމަންޓަލް އިމްޕްރޫވްމަންޓު އެންޑު ވެސްޓު މެނޭޖްމަންޓު މަޝްރޫޢަށެވެ. އެ މަޝްރޫޢަށް ޑިސެމްބަރުމަހު ވަނީ 9.9 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ހުރީ 708.3 މިލިއަން ރުފިޔާއެވެ.