ކުޅިވަރު

ބައިނަލްއަޤްވާމީ ޓީ-20 ކްރިކެޓް މެޗް އޮސްޓްރޭލިއާއަށް


އޮސްޓްރޭލިއާ އާއި ސްރީލަންކާ ބައްދަލުކުރިމެޗް ބައިނަލްއަޤްވާމީ ޓީ-20 ކްރިކެޓް މެޗް އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ. މިއީ ޓީ-20 ދުނިޔޭގެ ޗެމްޕިއަންކަން ހޯދިފަހުން އޮސްޓްރޭލިއާ ކުޅުނު ފުރަތަމަ މެޗެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ކުޅުނު މިމެޗް އޮސްޓްރޭލިއާ ކާމިޔާބުކުރީ ޑަކްވޯތު ލުއިސް ސްޓަރން މެތަޑްގެ ދަށުން 20 ލަނޑުންނެވެ. މިމެޗްގައި ޓޮސް ދިމާވުމުން ސްރީލަންކާއިން ގަސްދުކުރީ އުކާށެވެ. އެހެން ކަމުން އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 149 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް ބެޓްކުރީ 53 ލަނޑު ހަދައިދިން ބެން މެކްޑަރމޮޓްއެވެ. މީގެއިތުރުން މާކަސް ސްޓޮއިނިސް 30 ލަނޑު ހަދައިދިން އިރު ޖޯޝް އިންގްލިސް ވަނީ 23 ލަނޑު ހަދާފައެވެ. މިއިނިންގްސްގައި ސްރީލަންކާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 38 ލަނޑަށް ތިން ވިކެޓް ނަގައިދިން ވަނިންދު ހަސަރަންގާއެވެ. މީގެއިތުރުން ޗަމީކާ ކަރުނަރަތުނަ އާއި ޑުޝްމަންތާ ޗަމީރާ އަދި ބިނޫރާ ފެނާންޑޯ އިން ކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި ސްރީލަންކާއިން ކުޅެން އަރާ ވާރޭ ވެހުމުގެ ސަބަބުން މެޗް ހުއްޓާލަން ޖެހުނު އިރު 19 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 122 ލަނޑު ހަދާފައެވެ. މިއިނިންގްސްގައި ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް ބެޓް ކޮށްދިނީ 36 ލަނޑު ހަދައިދިން ޕަތުމް ނިސާންކާއެވެ. މީގެއިތުރުން ދިނޭޝް ޗަންދިމާލް ވަނީ 25 ލަނޑު ހަދައިދީފައެވެ. އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 12 ލަނޑަށް 4 ވިކެޓް ނަގައިދިން ޖޯޝް ހެޒްލްވުޑެވެ.