ޚަބަރު

2 އަހަރަށްފަހު ސިންގަޕޫރު އެއަރލައިންސްއިން ވަޒީފާއަށް ހުޅުވާލައިފި


ސިންގަޕޫރު އެއަރލައިންސްއިން 2 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު އެ އެއަރލައިނުގެ ކެބިން ކްރޫއިންގެ މަޤާމަށް މީހުން ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ސިންގަޕޫރުގެ ޤައުމީ އެއަރލައިނުން، 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުން ފެށިގެން މުވައްޒަފުން އިތުރުކުރުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

ކެބިން ކްރޫއިން ހޯދުމާއި ގުޅޭގޮތުން ސީއެންއެން ނޫހަށް މަޢުލޫމާތުދެއްވަމުން ސިންގަޕޫރު އެއަރލައިންސްގެ އޮފިޝަލަކު ވިދާޅުވީ މިހާރު ވަޒީފާތަކަށް ހުޅުވާލާފައި ވަނީ ޕެންޑަމިކުގައި މުވައްޒަފުން މަދުވެގެންދިޔަ މަޤާމުތަކަށް މީހުން ހަމަކުރުމުގެ އިތުރުން، ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވެގެން އަންނާތީ ކުންފުނީގެ ޚިދުމަތުގެ ޑިމާންޑާ އެއްވަރަށް މުވައްޒަފުން އިތުރުކުރުމަށް ކަމަށެވެ.

ކޯވިޑް-19ގެ ޕެންޑެމިކްގެ އަސަރު ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކަށް އަސަރުކޮށް، އެއަރލައިންތަކަށް ގެއްލުމާއި ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި ސިންގަޕޫރު އެއަރލައިންސް ހިންގާ ކުންފުނިން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ އެއަރލައިންތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ޤައުމީ އެއަރލައިނާއި، ސިލްކް އެއަރ އަދި ސްކޫޓް ގެ އެކި މަޤާމުތަކުން މުވައްޒަފުން މަދުކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާ ދޫކޮށްލަން އެދުނު ގިނަ ފަރާތްތަކަށް އެ ފުރުޞަތު ދީ، އިތުރަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުން އޮތީ އެއްކޮށް މަޑުޖައްސާލާފައެވެ.

ސިންގަޕޫރު އެއަރލައިންސްއިން ވާހަކަދެއްކި އޮފިޝަލް ވިދާޅުވިގޮތުގައި ޤައުމީ އެއަރލައިނުގެ ގިނަ ޕައިލެޓުންނާއި ކެބިން ކްރޫއިން މިހާރު ވަނީ ވަޒީފާއަށް ނިކުމެފައެވެ. އަދި ސިންގަޕޫރުގެ "ވެކްސިނޭޓެޑް ޓަރެވަލް ލޭން" ގެ ދަތުރުތަކުގެ ކެޕޭސިޓީ އިތުރުވާ މިންވަރަކުން އިތުރު މުވައްޒަފުން ނަގަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޑެމިކާ ގުޅިގެން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ސިންގަޕޫރު އެއަރލައިންސްއިން ވަޒީފާ ގެއްލުނު 4300 މުވައްޒަފަކާއި މިހާރުވެސް ގުޅުން ބާއްވާކަމަށް އެ އެއަރލައިނުން ބުނެއެވެ. އެގޮތުން އޭގެތެރޭގައި ކުރިން ކެބިން ކްރޫއިންގެ ވަޒީފާގައި ތިބި ފަރާތްތަކުން އަލުން ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިވާނަމަ އެ ފަރާތްތަކަށްވެސް މިހާރު ހުޅުވާލާފައިވާ ފުރުޞަތުގައި ކުރިމަތިލުމަށް ދަޢުވަތުދޭކަމަށް އެއަރލައިނުން ބުނެއެވެ.

ކެބިން ކްރޫއިން ހޯދުމަށް ސިންގަޕޫރު އެއަރލައިންސްއިން ހުޅުވާލާފައިވާއިރު އެއަރލައިނުގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަންނަން މިހާރު ވަނީ ފަށާފައެވެ.